ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ މިލަދުންމަޑުލު ދެނުކުބުރީ މިލަދޫ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. އެގޮތުން ފަޅުގެ ނެރުފައިކައްޓަށް ގެންނަން ބޭނުންވާ ބަދަލުތައް ހިއްސާކުރެއްވިއެވެ. އަދި ގޮނޑުދޮށުގައި ހުރި ވެލިފުނިން ރައްޔިތުންނަށް އުނދަގޫ ފޯރާތީ އެ ވެލިފުނި ބަނދަރުގައި ފެތުރުމަށް ބޭނުންވާކަމަށާއި، އިތުރު ކްލާސް ރޫމާއި ސްޓާފް ރޫމް ސުކޫލަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ހެލްތް ސެންޓަރަށް ބޭނުންވާ ކަންކަމާއި، ފެނަކަ އޮފީހަށް ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އަންނަ ދައުރެއްގައި އ.ތ.މ ކޮމިޓީއަށް ގެންނަން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ވެލި ފެތުރުމުގެ މަސައްކަތް އެކަމާގުޅޭ އީއޭ އެއް ހެދުމަށްފަހު ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކައުންސިލާއި ރައްޔިތުން ބޭނުންވާގޮތަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.