މިލަދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަމުގައި ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް ނަތީޖާ ނެރެދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ މިލަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފާއިތުވި ތިން މަހެއްހާ ދުވަސް ހޭދަވެގެން ދިޔައީ ތަރައްޤީއަށް ކުރަންހުރި ކަންކަން ކުރެވޭނެ ފަދަ އިޤުތިޞާދެއް ބިނާކުރުމަށް މަސައްކަތް ކުރުމުގައި ކަމަށެވެ. އެގޮތުން އިޤުތިޞާދުގައި ހުރި ދަރަނީގެ މައްސަލަތަކާ އާމުދަނީ އިތުރުކުރުމުގައި ހުރި ދަތިތަކުގެ މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް ފެށިފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން އަންނަނީ ދަރަނި ދައްކަމުން އާމުދަނީ އިތުރުކުރަމުންކަމަށާއި އެހެންކަމުން، ކުރިޔަށް އޮތް ދުވަސްތަކުގައި ރަށްރަށުގައި ކުރަންހުރި ކަންކަން ކުރެވޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިލަދޫގެ މަގުތައް ހެދުމާއި ބޯހިޔާވަހިކަމަށް ކުރަންހުރި މަސައްކަތްތަކާއި ރަށްގިރުމުގެ މައްސަލައާ ސްކޫލާ ޞިއްޙީ ނިޒާމު ވަރުގަދަކުރުންފަދަ އެރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ މަސައްކަތެއް ވެސް ފުރިހަމަކޮށްދެއްވާނެކަމުގައެވެ.