ފޮއްދޫގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި މިހާރު ފާސްކޮށްފައިވާ ޑިޒައިންއާ ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާ ހިއްސާކުރައްވައިފިއެވެ. މި ކަންބޮޑުވުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ނ އަތޮޅުގެ ހޮޅުދޫއަށް ވަޑައިގެން ހުންނަވަނިކޮށް ފޮއްދޫގެ ބައެއް ރައްޔިތުންގެ އެދުމުގެ މަތީން އެބޭފުޅުންނާއި ބައްދަލުކޮށްލެއްވުމުގައެވެ.

މިއަދު ހޮޅުދޫގެ ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ފޮއްދޫގެ ހަރު އުމުރުފުރައިގެ ބައެއް ރައްޔިތުން ވަނީ ފޮއްދޫގެ 180 ރައްޔިތެއްގެ ސޮޔާއެކު، ބޭނުންވާ ބަދަލުތަކާ ގުޅޭ ޕެޓިޝަނެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިފައެވެ. އަދި މިބައްދަލުކުރެއްވުމުގައި އެބޭފުޅުން ބޭނުންފުޅުވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަފުޞީލީ ގޮތެއްގައި ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ބަދަލުތައް، ކަމާ ގުޅޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވާނެކަމުގައެވެ.