ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މެންދުރުފަހު މިލަދުންމަޑުލު ދެނުކުބުރީ ހޮޅުދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހޮޅުދޫގެ ފެނުގެ ނިޒާމު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަހަށް ނިންމަވާދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިހާރު ފަށާފައިހުރި ގިނަ މަޝްރޫޢުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ރަށްގިރުމުގެ މައްސަލައަށާއި އުދައެރުމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ކަމަށާއި، ހޮޅުދޫއަކީ ތަޢުލީމީ ރަށަކަށްވާތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގޮތްޕަކާއި، ދަނާލެއް ރަށުގައި ހުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ މި ސަރުކާރަށް، ހޮޅުދޫގެ ކައުންސިލްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހޮޅުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ، އެކަނބަލުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ހުރިކަމުގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެކަންކަން ބައްލަވައި، އެކަންކަން ކައުންސިލާއި ރައްޔިތުން ބޭނުންވާގޮތަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.