ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
  
މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށް ދަތިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ބަނދަރުގެ މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވައި، އެކަން ތަފުޞީލީ ގޮތެއްގައި ބަޔާންކޮށްދެއްވާފައެވެ. އަދި ރަށް ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ރަށުގައި އޭ.ޓީ.އެމްގެ ޚިދުމަތް ދޭން ބޭނުންވާކަމަށާއި، ބިން ހިއްކުމަށާއި، މިސްކިތެއް ގާއިމުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށް ބަޖެޓުގައި ހުރި މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ.
 
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ، އެކަނބަލުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޖާގައިގެ ދަތިކަން ހުރިކަމާއި، ބަޖެޓުގެ ދަތިކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
 
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަރޮށި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކައުންސިލާއި ރައްޔިތުން ބޭނުންވާގޮތަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.