ސުވާލު:
އައްސަލާމު ޢަލައިކުމް. ރައީސް ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އަޑުއިވިގެން މިދިޔައީ ރައީސްއާއި އަނބިކަނބަލުންގެ ކެއުމުގެ ޚަރަދަށް 30 މިލިއަން ޚަރަދުވެގެންދިޔަ ވާހަކައެއް. އަދި ހަމަ އެގޮތަށް އަމިއްލަ ގެކޮޅު، ދިމްޔާތުގައި ރައީސްއާއި އަނބިކަނބަލުންގެ އެކޮމޮޑޭޝަންއަށް 25 މިލިއަން ދައުލަތުން ޚަރަދު ކުރެއްވި ވާހަކައެއް. މިކަހަލަ ފުރުޞަތެއް ލިބުނީމާ އަޅުގަނޑުމެންނަށް ސާފުކޮށްލަދެއްވަފާނަންތޯ މިއީ ކިހާވަރެއްގެ ތެދެއްތޯ؟


ޖަވާބު:
ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ ސުވާލަށް. މިހާރު އަޅުގަނޑަށް ފެންނަނީ ހަމަ ކުރިއާއި ޚިލާފަށް، ޙަޤީޤަތާއި ޚިލާފަށް ވަރަށް ބައިވަރު ވާހަކަތައް، އެއްވެސް ވަރެއްގެ ޙަޤީޤަތެއްނެތް ވާހަކަތަކެއް ފަތުރަމުންދާތަން. ވަރަށް ރަނގަޅު ތިޔަ ސުވާލު ކޮށްލެއްވިކަން. އަޅުގަނޑަށް ތިޔަކަހަލަ ކަންކަމާއި ގުޅޭގޮތުން އަދި ޖަވާބެއް ނޫނީ ވާހަކަވެސް ނުދެއްކޭ. އެއްކަމަކަށް ދެންމެ ތިޔަ ވިދާޅުވީ ގޭގައި އަޅުގަނޑު ހުރި ދުވަސްތަކަށް 25 މިލިއަން ޚަރަދު ކުރި ވާހަކަ. އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއް. އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލައަށް ޚަރަދުކޮށްގެން. ދައުލަތުގެ އެންމެ ރުފިޔާއެއްވެސް، ހަމަ އެއްވެސް ޚަރަދެއް ނުހުންނާނެ ގެއަށް ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ޚަރަދެއް ނުވެސް ކުރުވަން. ގޭގައި ސެކިއުރިޓީންވެސް ހަމަ ތިބޭ. ހުރިހާ އެންމެންވެސް ހަމަ އަޅުގަނޑުމެންގެ ގޭގެ ޚަރަދުގައި ބޭތިއްބީ. އަދި ކެއުމަށް ވެސް، އެއްވެސް ކަމަކަށް ގެއަށް ނުހުންނާނެ (ދައުލަތުން) ޚަރަދު ކޮށްފައި. ދައުލަތުން ޚަރަދުކުރާގޮތަށް އޮންނަނީ، އެކަމަކު އަޅުގަނޑު ވަރަށް ބޮޑަށް ހަމަ ބޭނުންވީ އެއްވެސްކަމެއްގައި އަޅުގަނޑު އަތުން ނޫނީ ގެއަށް އެއްވެސް ޚަރަދެއް ނުކުރަން. އެއީ ދުވަހަކުވެސް ތިޔަ ކަހަލަ ވާހަކައެއް މީހަކު ބުނަންވެސް ޗާންސް ދޭން ބޭނުން ނުވާތީ. އެހެންވީމާ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް.
ދެން ތިޔަ ވިދާޅުވި ކަންތައްވެސް ބުއްދީގެ ހަމަ ތަކުން ބަލާއިރުވެސް ޤަބޫލުކުރަން ދަތި ވާހަކައެއް ތިޔައީ. 30 މިލިއަން ރުފިޔާ 100 ދުވަސް ތެރޭގައި ކެއުމަށް ޚަރަދުކުރުން. މުލީއާގޭގެ ބަޖެޓުގައި ވެސް ކެއުމަށް އޮންނަނީ އަހަރަކު 7 ލައްކަ ރުފިޔާ. ދެން 30 މިލިއަން ވެއްޖެއްޔާ ދުވާލަކު އެތައް ލައްކައެއް ޚަރަދުކޮށްގެން ނޫންތޯ 100 ދުވަސްތެރޭ 30 މިލިއަން ޚަރަދު ކުރެވޭނީ. އެހެންވީމާ މިވާގޮތަކީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، އަޅުގަނޑުމެންގެ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ. ވަރަށް ދެފުށް ފެންނަގޮތަށް، ހާމަކަން ބޮޑު ގޮތަކަށް ހުރިހާ އެންމެންނަށް ކަންކަން އެނގެމުންދާއިރު، އެކަހަލަ ކަންކަމަށް ނެތީ އެއްވެސް ވަރަކަށް ދައްކާނެ ވާހަކައެއް އިދިކޮޅަށް. އެހެންވީމާ ހަދަހަދައިގެން އެއްވެސް ވަރެއްގެ ތެދެއްނެތް ދޮގު ވާހަކަ ފެތުރުން މިހާރު ސްޓްރެޓެޖީއަކަށް ގެންގުޅޭތަން މި ފެންނަނީ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް. ދެން ރެޖިސްޓަރ ނުކުރާ ނޫސްތަކާއި އެފްބީ ޕޭޖްތަކުގައާއި އެކި އެއްޗެހީގައި.
ރައްޔިތުންގެ ކިބައިން އެދެން އޮތީ މިކަހަލަ އެއްވެސް ވާހަކައެއް އިވިއްޖެއްޔާ ކަންކަމުގެ ޙަޤީޤަތް ބައްލަވާލައްވާށޭ. ހަމަ ވަރަށް ސާފުކޮށް ފެންނާނެއޭ. އިނގޭތޯ.
ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ ސުވާލު ކުރެއްވީތީ.