ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްވިޓްޒަރލޭންޑްގެ ބަރނަށް ވަޑައިގެން، އެޤައުމުގެ ނައިބު ރައީސް މިސްޓަރ މޯޓީ ލިއަންބަރގަރއާ ބައްދަލުކުރައްވައިފިއެވެ

މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އިޤްތިޞާދީ ދާއިރާގައި މިހާރުވެސް ދެޤައުމުގެ ގުޅުން ވަރަށް ރަނގަޅުކަމާއި، ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއާއި ސްވިޓްޒަރލޭންޑާ ދެޤައުމުގެ ދެމެދުގައި އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށާއި، ދެޤައުމަކީވެސް ކުދި ޤައުމު ކަމުގައިވިޔަސް މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުންފަދަ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަރަށް ބޮޑަށް ވަކާލާތުކުރާ ދެޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 16ވަނަ ސަމިޓު، ކާމިޔާބު ސަމިޓަކަށް ހެދުމަށް ދެޤައުމު އެކީގައި މަސައްކަތް ކުރުމާ ބެހޭގޮތުންނާއި، "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް"ގައި ސްވިޓްޒަރލޭންޑްގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކުނި ނައްތާލުމާބެހޭ މަޝްރޫޢަށް ސްވިޓްޒަރލޭންޑުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ތަރައްޤީގެ މިފަދަ އެހެނިހެން މަޝްރޫޢުތަކަށްވެސް ސްވިޓްޒަރލޭންޑްގެ އެހީތެރިކަން ލިބޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ސްވިޓްޒަރލޭންޑްގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި ރާއްޖެއާއެކީ މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރެއްވިއެވެ.

މިސްޓަރ ލިއަންބަރގަރއަކީ ސްވިޓްޒަރލޭންޑްގެ ފެޑެރަލް ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ޓްރާންސްޕޯޓް، އެނަރޖީ އެންޑް ކޮމިއުނިކޭޝަންސްގެ އެންމެ އިސްވެރިޔާވެސްމެއެވެ.