ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ހަވީރު މިލަންދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހައުސިންގ ޔުނިޓްތައް ޤާއިމުކުރުމަށާއި، ކައުންސިލް އިދާރާ މަރާމާތުކުރުމަށާއި، ކުޑަކުދިންގެ ޕާކެއް ވީއެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއެކު، ފަށާފައި ހުރި މަޝްރޫޢުތައް ނިންމުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ދެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް މަސައްކަތްކުރެވޭނެ ފަހި މާހައުލެއްގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، މެންބަރުންނަށް ރަނގަޅު އުޖޫރައެއް ހަމަޖައްސަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.