ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާ ސަފީރު މިޒް ޕެޓްރީޝިއާ އޭ. ބުޓެނިސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސްގހެ ކަންތައްތަކާބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމެރިކާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭ އެއްބަސްވުމުގެ މައްޗަށް ބައްލަވާލައްވައި، މިއެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވާކަން ހާމަކުރެއްވިއެވެ. އަދި، އެމެރިކާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއިބަހައްޓަވާ ގާތްކަމަށް ޝުކުރުއަދާކުރެއްވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހުންނަ އެމެރިކަން ކޯނަރ މިހާރަށްވުރެ ފުޅާކޮށް ޚިދުމަތްތައް އިތުރުކުރުމަށް ގަސްދުކުރައްވާ ކަމަށް ވިދާޅުވެ، މީގެ ބޭނުމަކީވެސް ދެޤައުމުގެ ދެމެދުގައިވާ ގުޅުން ހަރުދަނާ ކުރެއްވުންކަން ބަޔާންކުރެއްވިއެވެ.