ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފައެވެ. އެގޮތުން ރަށްގިރުމުގެ މައްސަލައާއި، މަގުހެދުމަށް ބޭނުންވާކަމަށާއި، ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، އޭ.ޓީ.އެމްގެ ޚިދުމަތް ރަށަށް ބޭނުންވާކަމަށާއި، ބޯހިޔާވަހިކަން އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްކޫލުގެ ކްލާސް ރޫމުތައް އޭސީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަމަޟާންމަހު ކަރަންޓްފީ އިން ލުޔެއްލިބޭނެގޮތް ހަދާދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފޭދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ކޮމެޓީގެ މަސައްކަތްކުރާނެ ވަކި އޮފީހެއް ނެތްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.