ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ މައިގަނޑު ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ޚާއްޞަ ކުޅިވަރުގެ ވަޞީލަތް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ ޒަރޫރީ ބޭނުތައް ކަމުގައިވާ ފެނާ ކަރަންޓާ ނަރުދަމާގެ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތް ދޭތަނެއް ޤާއިމުކުރަން ބޭނުންވާކަމަށާއި، އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި އާރް.ޓީ.އެލް ގެ ޚިދުމަތްދެއްވާ ގޮތާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަނދަރުގެ ދަތިކަމުގެ މައްސަލަ ވީއެންމެ އަވަހަކަށް ޙައްލު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އ.ތ.މ ކޮމިޓީން ބަޖެޓުގެ ދަތިކަމާއި، ކޮމެޓީގެ މަސައްކަތްކުރުމަށް އިމާރާތެއް ނުވަތަ ތަނެއް ޚާއްސަކޮށްދެއްވަން އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.