بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މިލަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ ރައީސް، އެންމެހައި ވެރިން، މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެން މިއަދު މި ރަށަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ހިތުގެ އެންމެ ފުންމިނުން މިލަންދޫގެ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި މިތަނަށް ވަޑައިގެން އެބަ ތިއްބެވި، ދާއިރާގެ އެހެން ރަށްތަކުގެ ބޭފުޅުންވެސް. ހަމަ މި ޝުކުރުގައި އެ ހުރިހާ ބޭފުޅުން ވެސް ޝާމިލުކުރަން.

އާދެ، ކަންދިމާކުރި ގޮތުން، އަޞްރު ނަމާދަށް ގޮވަން ގާތްގަނޑަކަށް ހައެއްކަ މިނިޓަށްވެފައި އޮއްވައި، އަޅުގަނޑަށް މިތަނަށް މި އާދެވުނީ ވާހަކަ ދައްކަން. ދެން އެހެން ނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، ތިޔަބޭފުޅުން ބޭނުންވަނީ އެންމެ ވާހަކައެއް އަޑުއައްސަވަން. އެއީ، ލިސްޓުގައި އެކަކުން ދިހައަކަށްވެސް އޮތީ އެންމެ ވާހަކައެއް. އެހެންވީމާ، އެ ވާހަކަ އެކަނި ދައްކާލަން ފަސް މިނިޓެއް ބޭނުމެއް ނުވާނެ.

އާދެ، އަޅުގަނޑު ކެމްޕެއިންގައި މި ރަށަށް އައިން. އަޅުގަނޑު ވަޢުދުވަނީ، ވަޢުދު ފުއްދަންކަން އަޅުގަނޑު އަބަދުވެސް ދަންނަވަން. އެހެންވީމާ، މި ރަށުގެ ރައްޔިތުންގެ ކުރިމަގާއި ތަރައްޤީއަށް، އެއްވަނައިން ދިހަވަނައަށްވެސް އޮތް އެއަރޕޯޓް، އިރާދަކުރެއްވިއްޔާ ޔަޤީންކަމާ އެކީގައި އަޅައިދޭނެކަމުގެ ސަތޭކަ ޕަސެންޓް ޔަޤީންކަން ދެން.

ތަންކޮޅެއް މަޑުމަޑުން ބުންޏަސް، މި ވަރަށް ބާރަށް މި ބުނެވުނީ. އެއީ، ޙަޤީޤަތަކަށް ހަމަ ހަދައިދޭނެ ކަމެއް އިރާދަކުރެއްވިއްޔާ. އާދެ، އެއީ އެންމެ މުހިންމު ވާހަކަ.

ދެންވެސް ރަށުގެ ތަރައްޤީއަށް އެބަހުރި ހަމަ މުހިންމު ކަންތައްތަކެއް. އަދި ވަޢުދުވެސްވިން ބައެއް ކަންތައްތައް ކުރަން.

ދެން، އަޅުގަނޑުވީ ހުރިހާ ވަޢުދެއް އަޅުގަނޑު ހަނދާން އެބަހުރި. އަދި ލިޔެކިޔުމުގައި ހުންނާނެ. ފޮތެއްގެ ގޮތަށްވެސް ތައްޔާރުކުރެވިފައި އޮންނާނެ. އެހެންވީމާ، އަނެއްކާ ތިޔަބޭފުޅުންވެސް ހަމަ ޔަޤީނުންވެސް ހަނދުމަފުޅު ހުންނާނެ.

އޭގެތެރޭގައި، އިސްލާމީ މަރުކަޒެއް އެޅުމުގެ ވާހަކަ. އެކަމާ ގުޅޭ މަސައްކަތް، ކަމާބެހޭ ވުޒާރާއިން މިނިސްޓަރު އެބަ ކުރިއަށް ގެންދަވާ. އަދި ހޮސްޕިޓަލުގެ ވާހަކަވެސް ހަމަ އަޅުގަނޑު ދެންނެވިން. މަގުތައް ހެދުމުގެ ވާހަކަވެސް ދެންނެވިން. އަދި އިންޑޯރ، އައުޓްޑޯރ، އެކި ކަހަލަ ކުޅިވަރު ކުޅޭ ތަނެއްގެ ވާހަކަވެސް. ކޮމްޕްލެކްސްއެއްގެ ވާހަކަވެސް ދެންނެވިން. މިހިރީ އަޅުގަނޑު އޭރުގައިވީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މައި ކަންތައްތަކެއް.

މި ހުރިހާ ކަމެއްގެ އިތުރަށް، ގެދޮރު ބިނާކުރުމާއި، ހައުސިންގ ދާއިރާއަކީ އެންމެ މުހިންމު އެއް ކަންތައް ހަމަ ރާއްޖޭގައި މުހިންމު. އާބާދީ ބައިބޯކޮށް އޮތް ހުރިހާ ރަށެއްގައި، އަދި ޖުމްލަކޮށް، މުޅި ރާއްޖޭގައި. މި ދެންނެވި ހުރިހާ ވަޢުދެއްވެސް ހަމަ ޔަޤީންކަމާ އެކީގައި، މިލަންދޫގެ ރައްޔިތުން ބޭނުންފުޅުވާ ގޮތަށް އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން.

އެހެންވީމާ، މިހާރު މި ކުރަނީ އެކަން ކުރުމަށް މަގުފަހިކުރުމުގެ މަސައްކަތް. ދެން އަޅުގަނޑު ވަރަށް ގިނައިން އެ ވާހަކަ ދައްކަން. އިޤްތިޞާދަށް ދިމާވެފައި އޮތް ހާލަތުގެ ވާހަކަ ދައްކަން. ދެންމެ މިނިސްޓަރ ސަޢީދުވެސް ވަރަށް ތަފްސީލުކޮށް އެ ވިދާޅުވެ ދެއްވީ، އިޤްތިޞާދު އޮތް ހާލަތު. އިޤްތިޞާދު ނަގައި ކޮޅަށްޖެހުމަށް ކުރާ މަސައްކަތް. އެހެންވީމާ، މި ހުރިހާ ވަޢުދެއްވެސް ފުއްދާނަން. ދެން އެއާއެކީގައި، ކުރަންހުރި ގިނަގުނަ ކަންތައްތައްވެސް އެބަހުރި.

އެހެންވީމާ، އަޅުގަނޑު ކުރުކޮށްވެސް ދަންނަވަން އޮތީ، މި ދެންނެވި ވާހަކަ. ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން އޮތީ، މި މަސައްކަތްތައް ބާރު ސްޕީޑުގައި ގެންދެވޭނެ މަގު ފަހިކޮށްދެއްވާށޭ. ބާރު ސްޕީޑުގައި މި ގެންދެވެނީ، ރައްޔިތުންގެ މަޖިލީހުންވެސް އެ އެއްބާރުލުން ލިބޭ ކަމަށްވަންޏާ. މި ތިން މަހެއްހާ ދުވަހުގެ ތެރޭގައި، ކަންތައްތައް ވަމުން އެދިޔަގޮތް. އެއްވެސްކަހަލަ ސަބަބެއް ނެތި، އަސާސެއް ނެތި، އަޅުގަނޑުމެން ކުރަމުންދާ ކަންކަމަށް ހުރަސްއަޅަން، ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދިޔަތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އެހެންވީމާ، މިގޮތަށް ހިނގާ މަޖިލީހެއް އޮވެގެން، ބާރު ސްޕީޑުގައި ކަންކަމެއް ނުހިންގޭނެ. އެއީ، ރާއްޖޭގެ ޤާނޫނުއަސާސީ އޮތް ގޮތުން ރައްޔިތުންގެ މަޖިލީހަށް މި އޮންނަނީ، ވަރަށް ގިނަ ކަންކަން ކުރުމުގެ ބާރު. ބަޖެޓް އެކުލަވައިލައި، ބަޖެޓް ފާސްކުރުމުގެ ބާރު، އެންމެ ބޮޑު އެއް ކަންތައް. ޤާނޫނުތައް ހެދުމުގެ ބާރު. ޤާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރު. މަޤާމުތަކުން މީހުން ވަކިކުރުމުގެ ބާރު. ދެން މިހެންގޮސް ވަރަށް ގިނަ ބާރުތަކެއް އެބައޮވޭ.

އެހެންވީމާ، ސަރުކާރެއް ބާރު ސްޕީޑުގައި ގެންދިޔުމާއި، ނުގެންދިޔުމުގައި، މި ރާއްޖޭގައި ކަންކަން ހިނގާ މަގަށް ބަލާއިރުގައި، ރައްޔިތުންގެ މަޖިލީސް ވަރަށް މުހިންމު. ރައްޔިތުންގެ މަޖިލީހުގައި ވަރަށް ތެދުވެރި، ރައްޔިތުންނަށްޓަކައި އިޚްލާޞްތެރިކަމާ އެކީގައި، އެމީހަކު ކޮންމެ ޕާޓީއަކުން ހޮވުނަސް، ހަމަ ރައްޔިތުންގެ ޙައްޤުގައި ސަރުކާރަކުން ކަމެއް ކުރަންޏާ، ފުރިހަމަ ސަޕޯޓްދޭ ކަހަލަ މަޖިލިސް މެންބަރުން ކަމަށްވަންޏާ، މި ސުވާލެއް ނުއުފެދޭނެ. އެހެނެއް ނޫނެއްނޫންތޯ އެކަމަކު ރާއްޖޭގައި ކަންކަން ވަނީ. އަދި އަމުދުން މިހާރު މިއޮތް އިދިކޮޅު ޕާޓީން ކަންކުރާ ގޮތް، ދުވާލުގެ އަލި ފަދައިން ވަރަށް ސާފު. ރައްޔިތުން ނިންމަންޖެހޭ ނިންމުން ވަރަށް ސާފު.

އެހެންވީމާ، މިލަންދޫ ދާއިރާގެ ރައްޔިތުން ގާތުގައިވެސް އަޅުގަނޑު އެދެން އޮތީ އެކަންތައް. އަޅުގަނޑަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ބޭފުޅަކު މަޖިލީހަށް ހޮއްވެވުމަކީ، ތިޔަބޭފުޅުންގެ ކިބައިން މިވަގުތު އަޅުގަނޑު އެދެން އޮތް އެންމެ ބޮޑު ކަންތައް.

އާދެ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަންޖެހޭތީ، ކުރުކޮށްލާނަން. ދެ ތިން މިނިޓަށް ވެއްޖެ މިހާރު. ވަރަށް އުފާކުރަން މި ރަށަށް އާދެވުނީމަ، ތިޔަބޭފުޅުން ތިޔަ ވިދާޅުވި މަރުޙަބާއާއި، ބަހައްޓަވާ ގާތްކަމާއި، ދެއްވާ ތާއީދަށް. ތިޔަބޭފުޅުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަ ޖައްސައިދޭނަން އިރާދަކުރެއްވިއްޔާ. އަދި ތިޔަބޭފުޅުން އިތުރަށްވެސް ބޭނުންވާ ކަންކަން ކޮށްދިނުމުގައި، އަޅުގަނޑުމެން ހަމަ ފުރިހަމަ އެއްބާރުލުން ދޭނަން އިރާދަކުރެއްވިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ މި ޤައުމަކީ މިނިވަންކަންމަތީ އަބަދުމެ އޮންނަ ޤައުމެއް ކަމުގައި މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.