ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫރަޕަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ޤާއިމުވެފައިހުރި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި، އެސޯސިއޭޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޓޯޗަރއާއި، ހިއުމަން ރައިޓްސް ވޮޗާއި، އެމްނެސްޓީ އިންޓަރނޭޝަނަލާއި، އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސްއާއި، ނޯތް- ސައުތް 21ގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާތައް ބިނާކުރެއްވީ، ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ހަރުދަނާކުރުމާ ބެހޭގޮތުން، އަދި ވަކިން ޚާއްޞަކޮށް އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރުމުގެ ދާއިރާގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ވަރަށް މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުން ބޭނުންފުޅުވަނީ މިފަދަ ޖަމްޢިއްޔާތައް މިހާރަށްވުރެ ހަރުދަނާވެގެންދިޔުން ކަމުގައި ވިދާޅުވިއެވެ. އަދި، މިކަމުގައި ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށާއި، ބައިނަލްއަޤްވާމީ މިފަދަ ޖަމާޢަތްތަކުގެ އެހީތެރިކަން ވަރަށް ބޭނުންތެރި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްވިޓްޒަރލެންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޖެނީވާއަށް ވަޑައިގަތީ އިއްޔެއެވެ.