ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ބަނދަރު ބޮޑުކޮށްދެއްވުމަށާއި، ސުކޫލުގައި ހަދަމުންދާ ކްލާސްރޫމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށާއި، ރަށަށް އާމްދަނީ ލިބޭނެ މަޝްރޫޢެއް ހިންގަވައިދެއްވުމަށާއި، ކުނި މެނޭޖުކުރާނެ ޒަމާނީ ފެންވަރުގެ ނިޒާމެއް ގާއިމު ކޮށްދެއްވުމަށާއި، ފެނަކަ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަހައްދުން ދުރަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނޭކުރެންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.