ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެންމެ މުހިންމުކަމެއްގެ ގޮތުގައި ހައުސިންގ ޔުނިޓް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ގިނަ މީހުން ރަށުން ހިޖުރަ ކުރާކަން ފާހަގަކުރައްވައި، އެކަން އެހެން ދިމާވަނީ ވަޒީފާ ލިބުމުގެ ދަތިކަން ހުރުމުން ކަމުގައި ކައުންސިލުން ވިދާޅުވިއެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، މަގުތައް ރަނގަޅު ފެންވަރުގައި ހެދުމަށާއި، ރަށަށް މިސްކިތެއް ގާއިމުކޮށްދެއްވުމަށާއި، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ އިހުތިސާސުގައި ރަށެއް ހިމެނުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވައިކަރަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އަންހެން ކަނބަލުންނަށް ޚާއްސަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.