ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު މަކުނުދޫ ފެނަކަ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަންކަމުގައި ފާހަގަކުރައްވައި، މަކުނުދޫ އެއާޕޯޓު ވީ އެންމެ އަވަހަކަށް ތަރައްޤީކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލުންވަނީ މަގުތައް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރަ އިތުރުކޮށްދެއްވުމަށާއި، ރަށުގެ އިހުތިސާސުގެ ތެރެއަށް މަކުނުދޫގެ މުޅި ފަޅު ދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަންކަމާއި، މަކުނުދޫ ސުކޫލު އަދި ހެލްތް ސެންޓަރު އިތުރަށް ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މަކުނުދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ، މީހުން ބިނާކުރުމަށް އޮތް ފުރުޞަތުތައް އ.ތ.މ އާއި ގުޅިގެން ކުރިއަށްގެންދެވޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވީ އެންމެ އަވަހަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.