ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ހަނިމާދޫގައި ރަނގަޅު ހޮސްޕިޓަލެއް ޤާއިމުކޮށް ޚިދުމަތް ދޭން ބޭނުންވާކަމަށާއި، ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށާއި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބޭނުންވާކަމަށާއި، ބްލަޑް ބޭންކުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެންދިއުން ހިމެނެއެވެ. އަދި، މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދެވޭނެގޮތް ހަމަޖައްސައިދެއްވުމަށާއި، ޒަމާނީ ފެންވަރަށް މަގުހެދުމުގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބެންކުގެ ޚިދުމަތް ގާއިމު ވުމާއި، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި، ސްކޫލަށް ބޭނުންވާ ވަސީލަތްތަކާއި އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ހަނިމާދޫގެ އެއާޕޯޓް އަދި ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ރަށުގެ މަސްވެރިންނަށް ޚާއްޞަކޮށް، މަސްކިރޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ ކަނބަލުންވަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމަށާއި، ރަށުގައި ބޭސް ލިބުމަށްހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.