ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކުވޭތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ސަބާހް އަލް ސާލިމް އަލް ސަބާހަށާއި ކުވޭތުގެ ޢަމީރު ޝެއިޚް މިޝަލް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާހްއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ޒަމާނުއްސުރެ ދެޤައުމުގެ ދެމެދު އޮންނަ އިތުބާރައި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެއެވެ. އަދި ކުވައިތުގެ ދުރުވިސްނޭ ލީޑަރޝިޕުން އެޤައުމަށް ކުރިއެރުމާއި ފާގަތިކަން ގެނެސްދެއްވަމުން އަންނާތީ ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެކަމަށް ތައުރީފު ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ދެޤައުމުން ބަދަހިކަމާއެކު ގުޅިގެން ކުރިއަށްދާނެކަމުގެ ޔަޤީންކަންދެއްވައި، ދެޤައުމުގެ އަޚްވަންތަކަމުގެ ގުޅުމަށް ކުރިމަގުގައި އިތުރަށް އާރޯކަން ލިބިގެންދިއުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ކުވޭތުގެ ބޮޑުވަޒީރާއި ޢަމީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވޭތަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.