ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ބާރަށު ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމަށާއި، ބަނދަރު ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލްގެ ފަރާތުން ހިއްސާކުރެއްވިއެވެ. އަދި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާކަމަށާއި، ޒުވާނުންނަށް ފުޓްސަލް ދަނޑެއް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ.

ހަމައެއާއެކު ރަށުގައި ފަށާފައިހުރި މަޝްރޫޢުތައް އަވަސްކޮށްދެއްވައި ރަށުގައި ހުރި އާސާރީ ތަންތަން އާބާތުރަ ފިލުވައި މަރާމާތުކުރަން ޖެހިފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގޯތި ގެދޮރު ފޯރުކޮށްދިނުމަށް މަޝްރޫޢުތައް ހިންގަވައި ދެއްވުމަށާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، ސުކޫލަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޭޓް ހައުސްއެއް ރަށަށް ބޭނުންވާކަމަށާއި، ރަށުގެ ރައްޔިތުންނަށް އޭ.ޓީ.އެމްގެ ޚިދުމަތް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

އުތީމުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސްވަނީ އެކަނބަލުން ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.