ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު ބާރަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި، ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކައުންސިލް އިދާރާގައި ހުރި ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރަށުގައި ހުރި ތާރީޚީ އަދި އާސާރީ ތަންތަން ދެމެހެއްޓުމަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ޒުވާނުންނަށް ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ޑޮކްޓަރުން އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތަކާއި، ޒުވާނުންނަށް މަސްވެރިކަން ކުރުމަށް 'ސްޕޯޓް ފިޝިންގ' އަށް ޚާއްޞަކޮށް ކަނދުފައްޗެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ބާރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސްވަނީ އެކަނބަލުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރައްވައި، ރަށުގައި އަންހެން ކަނބަލުން މޫދަށް އެރުމަށް ޚާއްޞަ ސަރަހައްދެއް ކަނޑައަޅައިދެއްވުމަށް އެކަނބަލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ލިބޭ މުސާރަ އިތުރުކޮށްދެއްވުމަށާއި، ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަށް އެކަނބަލުން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ރަނގަޅު ނަތީޖާއެއް ނެރެދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.