ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ކެލާގައި ހުންނަ ޝެއިޚް އިބްރާހީމް ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ކައުންސިލުން ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކެލާގެ ބަނދަރު އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި، ދަނޑުވެރިކަން ތަރައްޤީކުރުމަށް މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ނިމިދިޔަ ސަރުކާރުން ފަށާފައިހުރި މަޝްރޫޢުތައް ނިންމަވާދެއްވުމަށާއި، މި ސަރުކާރުންވެސް ވަޢުދުވެފައިވާ ކަންކަން ކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ކެލާގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހަމަ އެއާއެކު ކައުންސިލުންވަނީ ކައުންސިލް އިދާރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވެސް ވަނީ އެކަނބަލުން ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން އިތުރު ގަޑީގެ އިނާޔަތް ބޭނުންވާ ކަމަށާއި ބަޖެޓުގެ ދަތިކަން އެކަނބަލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.