ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކަރަންޓާއި، ލެބޯޓްރީ އަދި ބެންކުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާކަން ހިމެނެއެވެ. އަދި ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ކަންކަން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލް އިދާރާއަށް އާ އިމާރާތެއް ބޭނުންވާކަމަށާއި، މާރަންދޫފަރު، މާރަންދޫގެ އިހުތިސާސްގެ ތެރެއަށްލުމަށް ރަށުގެ އިސްރަށްވެހިން ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ބަނދަރުގެ މަޝްރޫޢު ބާރަށް ކުރިއަށްގެންދަން ބޭނުންވާކަމުގައިވެސް ކައުންސިލުން ދެންނެވިއެވެ.

މާރަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ އެކަނބަލުންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ. ކޮމިޓީތަކަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަންސިލުން ފާހަގަކުރެއްވި ކަންކަން ކަމާގުޅޭ މުއައްސަސާތަކާ މަޝްރަވާކުރައްވައިގެން ހައްލު ހޯދުމަށް ބައްލަވާނެކަމުގައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.