ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ އިހަވަންދޫ ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ، މިހާރު ފަށާފައިހުރި މަޝްރޫޢުތަކަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހިއްސާކުރައްވާފައެވެ. އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަމާއި، ރަށުގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަމަށާއި، ޒުވާނުންނަށް ބޭނުންވާ ކަންކަމާއި، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރަން ބޭނުންވާ ކަންކަން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންވަނީ ބަޖެޓުގެ މައްސަލަ ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އ.ތ.މ. ކޮމިޓީއަށް އެލަވަންސް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ނިންމެވެން އޮންނަކަމެއްކަމަށާއި، މަޖިލީހުން އެކަމަށް ކާމިޔާބެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް އަދި ރަނގަޅަށް ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.