ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ގއ. ދާންދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު އިމާރާތެއްގެ މުހިންމުކަމާއި، ދަނޑުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ ކަންކަމާއި، ސިޓީހޮޓަލެއްގެ މުހިންމުކަމާއި، އައު ބަނދަރެއް ތަރައްޤީކުރުމުގެ ބޭނުންތެރިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމާއި އ.ތ.މ ކޮމިޓީއަށް އެކަށީގެންވާ ބަޖެޓު ނެތުމުން ކުރިމަތިވާ ދަތިކަން މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހިއްސާކުރެއްވިއެވެ. މިކަންކަމުގެ އިތުރުން ނިލަންދޫ ކައުންސިލުން ވަނީ އެރަށާއި ދާންދުއާ ބްރިޖުން ގުޅުވާލަން އެދޭކަން ފާހަގަކުރައްވާފައެވެ. އަދި ޒުވާނުންގެ ތަރައްޤީއަށް ހޭންޑްބޯލްކޯޓް ފަދަ ވަސީލަތްތައް ޤާއިމުކުރުމާއި، މަޑުޖެހިފައިހުރި މަޝްރޫޢުތައް އަވަސްކުރުމަށްވެސް ކައުންސިލުން އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން އެ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން ވަނީ ޙިއްޞާކުރައްވާފައެވެ.