ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ދާންދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ބޭނުންވާކަމަށާއި، ބޭންކެއްގެ ޚިދުމަތް ބޭނުންވާކަމަށާއި، ހޮސްޕިޓަލެއްގެ ޚިދުމަތް ބޭނުންވާކަމަށާއި، ފެށިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމާއި، މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންކަން ހިމެނެއެވެ. މިކަންކަމުގެ އިތުރުންވެސް 50 ޓަނުގެ އައިސްޕްލާންޓުގެ މަސައްކަތް އަވަސްކުރުމަށް ބޭނުންވާކަމަށާއި، ބިންހިއްކާފައިވާ ސަރަހައްދުގެ އަސާސީ ޚިދުމަތްތައް ޤާއިމުކޮށް ތަރައްޤީކުރަން ބޭނުންވާކަމާއި އަދި އެ ރަށާ ގުޅުވާލެވޭނެ ގޮތެއްހަމަޖެއްސުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ވަނީ ދާންދުއާ ބްރިޖަކުން ނިލަންދޫ ގުޅުވާލަން އެދޭކަން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް އަންހެނުންގެ ޚާއްޞަ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ބޭތިއްބުމުގެ މުހިންމުކަމާއި ބޯހިޔާވަހިކަން ފަހިކުރުމަށް ރޯހައުސް ނުވަތަ ފްލެޓް އަޅަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަމާލުކަން ދެއްވައިގެން އެ ހުރިހާ ކަމެއް ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން ވަނީ ހިއްސާކުރައްވާފައެވެ.