ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުން ތަރައްޤީގެ ކަންކަން ކުރިއަށްގެންދިއުމަށް ސަމާލުކަން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ގއ. ދާންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދާންދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ދާންދޫގެ ރައްޔިތުން އެދިވަޑައިގެންފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވައި، ޖުމްލަ ގޮތެއްގައި އެ ހުރިހާ ކަންކަމެއްވެސް ކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއާ ބެހޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައިވެސް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުން އެދޭ ކަންތައްތައް ކޮށްދިނުމަށް އަމިއްލަ ކުންފުނިތަކުން އިންވެސްޓުކުރުމަށް ހުޅުވާލައިގެން ނަމަވެސް، ވަކި ތަރުތީބަކުން ގިނަ ކަންކަން ފެށުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.