ސުވާލު:
އަޅުގަނޑު މުޙައްމަދު ނާފިޒް އިނގޭތޯ. ގެމަނަފުށީ ސްކޫލްގެ ޓީޗަރެއް އިނގޭތޯ. ދެން އަޅުގަނޑުގެ ކަންބޮޑުވުމަކީ، އަޅުގަނޑު މަނިކުފާނަށް މި ދަންނަވާލަނީ އަޅުގަނޑުމެން ސިވިލް ސަރވަންޓުންނަށް 55 އަހަރުވީމާ މި އޮންނަ ރިޓަޔަރމަންޓް. އިނގޭތޯ. އެ އެލަވަންސް އަޅުގަނޑުމެންނަށް، މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޮތީ، އަޅުގަނޑުމެންނަށް 55 އަހަރުވީމާ ރިޓަޔަރ ވެގެންދާއިރު އެއްވެސް އެލަވަންސްއެއް ނުލިބޭގޮތަށް. އެހެންވީމާ މިއީ އަޅުގަޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި މިސާލަކަށް އުޅޭނެ ބަލި މީހުންވެސް. ފަހަރެއްގައި ހަމަ 55 އަހަރުވީމާ ރިޓަޔަރ ވެގެން ގެޔަށް ވަޑައިގަންނަވާ ބޭފުޅުންވެސް އުޅުއްވާނެ. އެހެންވީމާ އަޅުގަނޑުމެންގެ ޕެންޝަންގެ ކަންތައްތައް ތަންކޮޅެއް ރަނގަޅުގޮތަކަށް ހަމަޖެހުމަކީ އަޅުގަނޑުމެން ވަރަށް އުންމީދުކުރާ ކަމެއް. ދެން އަޅުގަނޑުމެން ވަރަށް އުފާވެއްޖެ، މަނިކުފާނާއި އަޅުގަނޑުމެންނާއި މިގޮތަށް ބައްދަލުވާތީ. އާންމުކޮށް އަޅުގަނޑުމެންނާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި މިގޮތަށް ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ފުރުޞަތު ވަރަށް ނުލިބޭ. އެންމެ ފުރަތަމަ ﷲ އަށް ޙަމްދު ކުރަން މަނިކުފާނާއި ބައްދަލުވީތީ. މަނިކުފާނަށް ޚާއްސަ ޝުކުރެއް ދަންނަވަން.


ޖަވާބު:
ނާފިޒް. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. ދެން އަޅުގަނޑުގެ ރިޔާސީ ވަޢުދެއް ދެންމެ ތިޔަ ވިދާޅުވެވުނީ. 55 އަހަރު ވެގެން 65 އަހަރާ ދޭތެރޭގެ ރިޓަޔަރމަންޓް އަށް ދާ ބޭފުޅުންނަށް އެލަވަންސެއް ތަޢާރަފްކުރުން. އެކަމާއި ގުޅޭ އިދާރީ މަސައްކަތް ރައީސް އޮފީހުން މިހާރު ފަށައިފިން. ދެން އަޅުގަނޑުމެންގެ ލީގަލް ޓީމުން އެޓަރނީ ޖެނެރަލްއާއި ގުޅިގެން، މިހާރު ކުރެވޭ މަސައްކަތަކީ، ޤާނޫނުގެ ތެރެއިން މިއަށް މަގުފަހި ކުރުވަން އެބަޖެހޭ. އެހެންވީމާ މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހުތަކެއްވެސް ހުންނާނެ. އިދާރީ މަސައްކަތް އަދި ޤާނޫނީ މަސައްކަތް މިހާރު މިކުރަނީ ރައްޔިތުންގެ މަޖިލިސްގެ ދައުރެއް މިކަމުގައި ބޭނުންވާ ކަމެއްވީމާ. އަޅުގަނޑު ތިޔަ ވިދާޅުވި ކަންތަކަށް ޙައްލެއް ގެނެސްދޭނަން އިރާދަކުރެއްވިއްޔާ. އެހެންނަމަވެސް ރައްޔިތުން މަޖިލިސް ތެރެއިން ފާސްކުރަންޖެހޭ އިސްލާހުތަކެއް ހުންނާނެކަމަށް އަޅުގަނޑުމެންނަށް ލީގަލީ މަޢުލޫމާތު ލިބިފައިވަނީ. އެހެންވީމާ އެމަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ އިނގޭތޯ. އިރާދަކުރެއްވިއްޔާ އެކަމަށް ޙައްލެއް ގެނެސްދޭނަން. އަޅުގަނޑު ވަޢުދު ވީ ގޮތަށް އަދި ތިޔަ ވިދާޅުވި ކަމަށް ރަނގަޅު ޙައްލެއް ގެނެސްދޭނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.