ކޮލަމާފުށީގެ ރައްޔިތުންގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި، ކުރަން ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައި، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢު ޙަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ގއ. ކޮލަމާފުށި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮލަމާފުށި ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން ސިޓީ ހޮޓަލެއް އަޅައިދެއްވާނެކަމަށާއި، މުޅި މަޝްރޫޢު އެކީ ޙަޤީޤަތަކަށް ހަދައިދެއްވާނެކަމުގައެވެ. އަދި އެކަމަށްޓަކައި އިކޮނޮމިކް ކައުންސިލް ތެރެއިން ކުރަންހުރި މަސައްކަތްތައްކޮށް ވީ އެންމެ އަވަހަކަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ޤައުމަށް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރައްވާނީ ހަމައެކަނި މިހާރު އޮތް ބަޖެޓަށް ބަރޯސާވެގެން ނޫންކަމުގައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ އިންވެސްޓަރުންނާއި ޑިވެލޮޕަރުން ގެނެސް، ޕްރައިވެޓް ސެކްޓަރ ކުރިއަރައި، އަދި އިންވެސްޓަރުން ޝައުޤުވެރިވާފަދަ މަޝްރޫޢުތަކަށް ޖާގަދީގެން ކަމުގައެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.