ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަހުމުނާމާގައި ސަރުކާރުން ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިރޭ ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ތިނަދޫ ސިޓީގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވައިގެ ބަނދަރަކީ ވަރަށް ތަފާތު ޑިޒައިނެއް އޭގައި އެކުލެވޭ ވައިގެ ބަނދަރަކަށް ވެގެންދާނެކަމުގައެވެ. އެގޮތުން ވައިގެ ބަނދަރުގެ ޓަރމިނަލްއަކީވެސް އޯވަރ ވޯޓަރ ނުވަތަ ފެނުގެ މަތީގައި ގާއިމުކުރެވޭ ޓަރމިނަލަކަށް ވާނެކަމަށާއި އަދި އެއީ މުޅި އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެޅިގެންދާ ބާރަކަށްވެސް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެކުގައެވެ.މިފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކޮމްޕެނީގެ ސީ.އީ.އޯ ޖިރާޓް ޕެތްނުންތަވޮންގް އެވެ. މި ފަހުމުނާމާ ގެ ދަށުން ދެ ފަރާތުން މަޝްވަރާކޮށް، އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.