ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތުގެ ފެޑެރަލް މިނިސްޓަރ ފޮރ އެންވަޔަރަންމަންޓް، ނޭޗަރ ކޮންޒަވޭޝަން އެންޑް ނިއުކްލިއަރ ސޭފްޓީ، ޑޮކްޓަރ ނޯބަޓް ރޮޓްގެނާ މިއަދު މެންދުރު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ ތިމާވެށްޓާބެހޭ ބައްދަލުވުމުގައި ކުދިޖަޒީރާ ޤައުމުތަކަށް ދެއްވާފައިވާ އެއްބާރުލެއްވުމަށްޓަކައި، ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ޖަރުމަނު ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި، ކޯޕަންހޭގަން އެކޯޑަށް ޢަމަލުކުރަން ފެށުމުގައި ޔޫރަޕްގެ އިއްތިހާދުގެ ޤައުމުތަކުގެ ބައިވެރިވުންވެސް ވަރަށް ބޭނުންތެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި އެކަންތައްތައް ހުއްޓުވުމަށާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާގައި ރާއްޖޭގައި ހިންގަމުން ގެންދާ ތަފާތު މަޝްރޫޢުތަކަށް ޖަރުމަނުވިލާތުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންނާއި، މޫސުމާބެހޭ މަޝްވަރާތަކުގައި ޙަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޑޮކްޓަރ ނޯބަޓް ރޮޓްގެނާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިއަހަރުގެ ފަހުކޮޅު މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް16ގައި މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް ޤައުމުތަކުގެ މެދުގައި އެއްބަސްވުމަކަށް އައުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑޮކްޓަރ ނޯބަޓް ރޮޓްގެން ދެއްކެވި ވާހަކަފުޅުގައި، ކޯޕަންހޭގަންގައި ރާއްޖެއިން އަދި ވަކިން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމަށާއި އެކަމަށް ހޭނުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ވެދެއްވެން އޮތް ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ.