ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މަޑަވެލީ ކައުންސިލުގެ އިދާރާގައެވެ.
ކައުންސިލުން ވަނީ އެރަށަށް ކުރިމަތިވާ އުދައެރުމާއި ރަށްގިރުމުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ. މީގެ އިތުރުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ބޭނުންވާކަމަށާއި، އަދި ސްކޫލުގެ ސައިންސްލެބް ހިމެނޭ އިމާރާތް އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. ހޯނޑެއްދޫ އ.ތ.މ. ކޮމިޓީން ވަނީ ރާއްޖޭގެ އެހެން ރަށްރަށުގެ އ.ތ.މ. ކޮމިޓީތަކުންވެސް ފާހަގަކުރަމުން އަންނަ ކަންބޮޑުވުމެއް ކަމުގައިވާ ދާއިމީ ވަޒީފާތައް އަދާކުރާ ފަރާތްތަކަށް ލިބޭ ބައެއް އިނާޔަތްތައް އ.ތ.މ. ކޮމިޓީގެ މެންބަރުންނަށް ނުލިބޭތީ ކުރިމަތިލާންޖެހޭ ދަތިތައް ފާހަގަކުރައްވާފައެވެ.
މިކަންކަމަށް ޖަވާބުދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ތ.މ ކޮމިޓީތަކުގެ އެކަންބޮޑުވުމަކީ ހައްލު ހޯދަންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވައި، ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިގެން އެކަމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަންދެއްވައި އެކަންކަމަށް ހައްލު ގެނެސްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.