بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަޑަވެލި ލޮބުވެތި ރައްޔިތުން، ކައުންސިލްގެ ރައީސާއި، ކައުންސިލަރުން އަދި ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑުމެން މިއަދު މި ރަށަށް އައުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ހަމަ އެއާއެކީގައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ތިޔަބޭފުޅުން ދެއްވި ތާއީދަށް ވަރަށް ވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މި ރަށަށް މިއަދު އާދެވުމުން ވަރަށް އުފާކުރަން. ރަށުގެ ތަރައްޤީއަށް ކުރަންހުރި ގިނަގުނަ ކަންތައްތަކެއް އެބަހުރި ކުރަން ޖެހިފައި. މިއަދު އޮތް ބައްދަލުވުމުގައި، ކައުންސިލްގެ ފަރާތްޕުޅުން އެ ހުރިހާ ކަމެއް ޙިއްޞާ ކުރެއްވި. އަޅުގަނޑު މި ދަތުރުތައް މި ކުރަނީ، މި ބޭނުމުގައި. އެއީ، ރައްޔިތުންނާ ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންތައް، ރައްޔިތުން ގާތުގައި ހުރެގެން އޮޅުންފިލުވައިގެން އެކަންކަމަށް ޙައްލު ގެނެސްދޭން މަސައްކަތް ކުރުން. ވަރަށް ފަސޭހަ ގޮތެއް، މާލޭގައި އޮފީހުގައި ހުރެގެން، ފިނި ކޮޓަރީގައި މަޑުކޮށްލައިގެން ހުރެ، ދެން ކައުންސިލަރުން ސިޓީ ފޮނުވީމަ، ނޫނީވިއްޔާ ކައުންސިލް ވަފްދު މާލެ އައިސް، އަޅުގަނޑު ގާތަށް އައިސް، ކަންކަން ހުށަހަޅައި، އާދޭސްކުރުން. މި ސިސްޓަމް އަޅުގަނޑަކަށް ކަމަކުނުދޭ.

އެހެންވީމާ، އަޅުގަނޑު އަބަދުވެސް ބޭނުންވާ ގޮތަކީ، އަދި ކުރިންވެސް މަސައްކަތް ކުރި ގޮތަކީ އެއީ. މާލޭގައި މޭޔަރަކަށް ހުރިއިރުގައިވެސް، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑަށް ވޯޓުދީ، އަޅުގަނޑު އެ މަގާމަކަށް ހޮވާ ބޭފުޅުން ގާތުގައި، ރައްޔިތުން ގާތުގައި ކަންކަން އަހައިގެން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އެ އަމާޒަށް ކަންކަން ކޮށްދޭން.

އެހެންވީމާ، ތިޔަބޭފުޅުން، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން މިކަމުގައި ދެއްވާ ތަރުޙީބަށް، އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދޭ ޔަޤީންކަމަކީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރުމުގައި، އިރާދަކުރެއްވިއްޔާ ނަތީޖާ ނެރޭނަމޭ. ނަތީޖާ ނެރެ ދައްކައިދޭނަމޭ.

މި ރަށުގެ ތަރައްޤީ މިއޮތީ ވަރަށް ބޮޑަށް ފަހަތަށްގޮސް. ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި. އެންމެ މުހިންމު ކަންކަމުން ގޮސް، ހުރިހާ ކަމެއްހެން އޮތީ ކުރަން ޖެހިފައި. ބިން ފުރިފައި. ބިން އިތުރުކުރަންޖެހޭ. އެކަމުގައި ކަމާބެހޭ ފަންނީ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ކޮންސްޓްރަކްޝަން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ކައުންސިލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާ އެއްގޮތަށް އަދި ފަންނީގޮތުން ބަލަންޖެހޭ، އެންވަޔަރަންމަންޓަލީ، ތިމާވެށީގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި، ދާއިމީ ދުރު ރާސްތާއަށްވެސް، ރަށަށް އޭގައި ފައިދާވާގޮތަށް، ރައްޔިތުން އެދޭގޮތަށް އެކަން ކުރިއަށް ގެންދަންޖެހެނީ.

އެހެންވީމާ، މި ހުރިހާ ކަމެއް މިގޮތުގައި ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ، ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ބިން ހިއްކުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ކަމުގެ ޔަޤީންކަން ހަމަ މިއަދު އަޅުގަނޑު ދެން.

އާދެ، މި ބިން ހިއްކަން މިޖެހެނީ، ގެދޮރުވެރިކަން ހާސިލުކުރުމަށް. 2006 ވަނަ އަހަރުން ފެށިގެން، ނޫނީ 2004 ވަނަ އަހަރުން ފެށިގެން ގޯއްޗެއް ނުދެވޭ. އެހެންވީމާ، ދެން ވަރަށް މަދު އަދަދެއްގެ ހައުސިންގ ޔުނިޓްކޮޅެއް އެޅިފައި ހުރެދާނެ. އެކަމަކު އެއީކީއެއް މި މައްސަލައަށް ބަލާއިރު، 300 އެތައް ޢާއިލާއެއް ގެދޮރު ނެތިފައި މިހެން ތިބެންޖެހޭ ޖެހުމަށް ބަލާއިރުގައި، އެއީކީ ޙައްލަކާ ގާތްވެސް ކުރާ ކަމެއް ނޫން. އެހެންވީމާ، ބިން ހިއްކުމަކީ، އަސާސީ ޒަރޫރީ ކަމެއް. އެހެންވީމާ، ބިން އިތުރުކޮށްގެން، ގެދޮރުގެ ޙައްލު ގެނައުމަށް މަސައްކަތް ކުރާނީ.

އެނގިވަޑައިގަންނަވާނެ، ގެދޮރުވެރިކަން ހާސިލުކޮށްދިނުމަކީ، އަޅުގަނޑުގެ އެންމެބޮޑު ވަޢުދު. ޤައުމީ މައްސަލަތަކަށް އެޓެންޑްވުން ނަގާފައި، ދެން އޮތް އެންމެބޮޑު ވަޢުދު. އެހެންވީމާ، އެކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އަބަދުވެސް މިދޭ ޔަޤީންކަމުގައި، މި ރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އެކަން ދާއިމީ ގޮތެއްގައި ޙައްލުކޮށްދޭނަމޭ. އެކަމުގައި ކުރަންޖެހޭނީ ވަރަށްބޮޑު މަސައްކަތެއް. އެހެންވީމާ، އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި މި ފެށި މަސައްކަތް އެއީ، އެކަމަށްޓަކައި ކުރަން ފަށާފައިވާ މަސައްކަތެއް.

އަޅުގަނޑުމެންގެ އިޤްތިޞާދު ވައްޓާލާފައި އޮތް ބޮޑު އަނދަވަޅުން ނަގައި ކޮޅަށްޖަހަން މިޖެހެނީ. 120 ބިލިއަން، ބިލިއަން، މިލިއަނެއް ނޫން. 120 ބިލިއަން ރުފިޔާގެ ދަރަނި، އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތީ. މިދިޔަ ސަރުކާރުން އަޅުގަނޑުމެންގެ ބޮލުގައި އަޅުވާފައި ދިޔަ ދަރަނި މިއީ. އެއީ، ބޭރުގެ ދަރަނި. އެ ދަރަނިތައް ދައްކަމުން، އެތެރޭގެ ދަރަނި، ކުންފުނިތަކުން، ސަރުކާރުގެ ވުޒާރާތަކުން ޢާންމު ރައްޔިތުންނަށް އެކިކަހަލަ މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާ އެއީ، އިތުރު 9 ބިލިއަން ގާތްގަނޑަކަށް. 9 ބިލިއަން. މި ފައިސާ ދައްކަމުން، ދެން އަދި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރަމުން، މި ދެންނެވީ، ސަރުކާރު ހިންގުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރަމުން، އަދި އޭގެއިތުރަށް، އާމްދަނީ އިތުރުކުރުމަށްޓަކައި މަސައްކަތްތައް ރާވަމުން މިގެންދަނީ، މި ދެންނެވި ކަހަލަ އަސާސީ މުހިންމު ކަންތައްތައް، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމާއި، ގެދޮރުވެރިކަމަށް ދޫކުރަން އަޅުގަނޑު ވަޢުދުވީ ލޯނުތައް ދެވޭނެގޮތް މަގުފަހިކުރުމަށާއި، އަދި
މި ދެންނެވިހެން ބިން ހިއްކުންފަދަ، ބަނދަރު ހެދުންފަދަ، މިހެންގޮސް ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގުފަހިކުރުމަށްޓަކައި. އެހެންވީމާ، އެގޮތުގައި އެ މަސައްކަތްތައް ދާނީ ކުރިއަށް.

މި ރަށަށް އެންމެބޮޑު، ދެވަނައަށް މުހިންމު އެއް ކަމެއްގެ ގޮތުގައި އޮތީ، ދެވަނައަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި ފާހަގަކުރެވެނީ، މުހިންމު މަޝްރޫޢެއްގެ ގޮތުގައި ބަނދަރު ބޮޑުކުރަން ޖެހިފައި އޮތް އޮތުން. މަސްވެރިކަމުގައި އެހާ ކުރިއަރާފައި އޮތް ރަށަކަށްވާއިރުގައި، ކުރިއަށްދިޔުމުގައި ވަރަށް މުހިންމުވޭ، ޖާގަ އިތުރުވެގެންދިޔުން.

އެހެންވީމާ، އަޅުގަނޑު މިއަދު ކައުންސިލް ބައްދަލުވުމުގައިވެސް ޔަޤީންކަން ދިން ފަދައިން، ރައްޔިތުންނަށް ދޭން އޮތް ޔަޤީންކަމަކީ، ދޭނެ ޔަޤީންކަމަކީ މިއީ. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރުގެ ރަނގަޅު، ބޮޑު ބަނދަރެއް ހަދާނަން. އެހެންވީމާ، މި އަންނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނައިގެން ކުރިއަށް ގެންދެވޭނެ މަގެއް ފަހިކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެއަށްވުރެ އަވަހަށް އެކަން ކުރެވޭނެ ގޮތެއްވާނަމަވެސް، އުޞޫލުތަކުގެ ތެރެއިން އެކަމަށް މަސައްކަތް ފަށާނެ ވާހަކަ ދަންނަވަން. އާދެ، އެހެންވީމާ، ބިން ހިއްކުމާއި، ބަނދަރުގެ މަސައްކަތަކީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް.

ހަމަ އެއާއެކީގައި، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، އަޕްގްރޭޑްކޮށް، ލެވެލް މަތިކުރުމަކީ، ދެންމެ ހެލްތް މިނިސްޓަރވެސް އެ ފާހަގަކުރެއްވި ފަދައިން، ރައްޔިތުން ބޭނުންވެވަޑައިގަންނަވާ ފެންވަރަށް ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކޮށް، ލެބޯރެޓަރީގެ ޚިދުމަތް އިތުރުކުރުން. އާދެ، ލެބޯރެޓަރީގެ ޚިދުމަތް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޤާއިމުކުރުމަކީ، އަޅުގަނޑު ވެފައި އޮތް ވަޢުދެއް.

އެހެންވީމާ، ރަށުގެ އާބާދީއާއި، ރަށުގެ ތަރައްޤީ ކުރިއަށް ގެންދެވޭނެ، އާބާދީ އިތުރުވާނެ މިންވަރާއި، މި ހުރިހާ ކަމެއްގެ ނިސްބަތަށް ބަލައި، ކޮންމެ ރަށެއްގައި، ހަމަ ކޮންމެ ރަށެއްގައި،
އެ ނިސްބަތުން ލެބޯރެޓަރީ ޚިދުމަތް ޤާއިމުކުރުން އެއީ، އަޅުގަނޑު ވެފައި އޮތް ވަޢުދު. އެހެންވީމާ، އެ މަސައްކަތް މި ފަށަނީ. މި ރަށުގައިވެސް އެގޮތުން، ތިޔަބޭފުޅުންނަށް ރަނގަޅު ފެންވަރުގެ ޚިދުމަތް ޤާއިމުކުރުމަކީ، ހަމަ އޭގެތެރެއިން ކުރިއަށްދާނެ ކަމެއް.

ހަމަ އެއާއެކީގައި، ހެލްތު ސެންޓަރުގެ ލެވެލް މިހާރަށްވުރެ މަތިކޮށްދީ، އަދި ސްކޫލްގެ ޖާގަ އިތުރުކޮށް، އެއް ސެޝަނަށް ބަދަލުކުރަންޖެހޭ. މި އަހަރު ބަޖެޓަކު ނެތް. އެހެންވީމާ، ދެން އަންނަ އަހަރުގެ ބަޖެޓާ ހަމަޔަށް އެކަން ހިމެނުން، ނޫނީވިއްޔާ މި އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މަގުފަހިކުރެވޭނަމަ، އެންމެ އިސްކަންދޭ ރަށެއް ގޮތުގައި މި ރަށް ހިމަނާނެ ވާހަކަ ހަމަ ދަންނަވަން. އޭގެތެރޭގައި، މަލްޓި-ޕަރޕަސް ހޯލްވެސް ހިމެނޭގޮތަށް ކުރިއަށް ގެންދާނެ ވާހަކަ.

އާދެ، ދެން އިސްލާމިކް މިނިސްޓަރ ހަމަ މީޓިންގގައި ވިދާޅުވި، މި ރަށުގައި އެންމެ މިސްކިތެއް ހުންނާތީ، ރަނގަޅު ފެންވަރުގެ އާ މިސްކިތެއް، ދެން އެންމެ އަވަހަށް އަޅުގަނޑުމެން އާ މިސްކިތްތައް އަޅާ ލިސްޓުގައި ހިމަނައިގެން، މި ރަށުގެ މިސްކިތްވެސް އަޅައިދޭނެ ވާހަކަ ދަންނަވަން.

ޒުވާނުންނަށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް ފުޓްބޯޅަ ދަނޑުގެ މައްސަލަ، އެކިކަހަލަ ސްޕޯޓްސް ފެސިލިޓީޒްތަކުގެ މައްސަލަ ވަރަށްބޮޑު. ދުވަހަކު ޙައްލުނުވި ކަމެއް. ދެން އެކަމުގައި ގިނަ މައްސަލަތައް އެބަހުރި. އަޅުގަނޑު ހަމަ ކުރުކޮށް ދަންނަވާނަން. އޭގައިވެސް ދޭން އޮތް ޔަޤީންކަމަކީ، އެކަމަށް އަޅުގަނޑުމެން އަނގަބަހުން ހަމައެކަނި ބުނެލާ ކަމަކަށް ނަހަދައި، ކުޅިވަރު ކުޅޭ ފަރާތްތަކަށް ޢަމަލީގޮތުން އެކަން ޙައްލުކޮށްދޭނަމޭ އިރާދަކުރެއްވިއްޔާ. އެކަން ޔަޤީންކަމާ އެކީގައި ތިޔަބޭފުޅުންނަށް ކޮށްދޭނެ ވާހަކަ ދަންނަވަން. އާދެ، މިހިރަ ކަންކަން ކުރުމަކީ ވަރަށް މުހިންމު ކަމެއް.

ދެން ހަމަ އެއާއެކީގައި، ކުޑަ ކަމެއް ކަމުގައިވިޔަސް، ރައްޔިތުންނަށް ވަރަށްބޮޑު ކަމެއް، އޭ.ޓީ.އެމް.އެއް މިތަނުގައި ބެހެއްޓުން. މަސްވެރިން ވަރަށްގިނަ. އެހެންވީމާ، އޭ.ޓީ.އެމް.އެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް އަޅުގަނޑު ފަށާނަން. ރައްޔިތުންގެ ފަރާތުން ކައުންސިލުން މިއަދު އެކަމަށް އެދިވަޑައިގެންފައިވޭ. އެހެންވީމާ، އޭ.ޓީ.އެމް.ގެ ޚިދުމަތް ގެނެސްދިނުމާއި، އަދި ފެނަކައިގެ އޮފީސް ބަދަލުކުރުން، ތިޔަބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް، އެކަން ކުރިއަށް ގެންދިޔުމަކީވެސް ހަމަ ކުރިއަށް ގެންދެވޭނެ ކަމެއް. ތިޔަބޭފުޅުންގެ ބޭފުޅަކު މިހާރު އެތާ ހުންނެވީވެސް. އެހެންވީމާ، މާ އުނދަގޫ ކަމަކަށްވާނެ ކަމަކަށް ނުފެނޭ.

އާދެ، ޖުމްލަ ގޮތެއްގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުން އެދިވަޑައިގަންނަވާ ހުރިހާ ކަމެއް ކުރާނަމޭ އިރާދަކުރެއްވިއްޔާ. ކުރިއަށް ގެންދާނަމޭ. އާދެ، ކުރިއަށް ގެންދިޔުމަށް ހުރި ދަތިތައް މި ފާހަގަކުރީ. އެ ދަތިތައް އޯވަރކަމް ކުރަމުން ކުރިއަށްދާނީ. އެ ދަތިތައް އެއީ، ކޮންހެނެއް އައި ދަތިތަކެއްކަން އެބަ އެނގޭ. 17 ނޮވެންބަރު 2023 ގައި އަޅުގަނޑު ރައްޔިތުންނާ މުޚާޠަބުކޮށް، އެ ދަތިތައް ހާމަކުރިން. ފަށަމުން ބޭސްލައިން އަޅުގަނޑު ޑިކްލެއަރ ކުރީ. އިޤްތިޞާދު އޮތީ މިހެންނޭ. އިޖުތިމާޢީ ކަންކަން ހުރީ ކިހިނެއްކަން. ޢުމްރާނީ ތަރައްޤީ އޮތީ ކިހިނެއްކަން. ދެން ކަންކަން ކުރާނެ ގޮތް. ދެން އިހަށްދުވަހު، މަޖިލިސް ހުޅުވި ދުވަހު، މަޖިލިސް ހުޅުވަމުން އެ ވާހަކަ ދެންނެވިން.

އެހެންވީމާ، އެއީ، ޤައުމު ވައްޓާލާފައި އޮތް ޙާލަތު. އެ ޙާލަތުން ނަގައި ކޮޅަށްޖަހަން ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ. އެހެންވީމާ، އެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އިރާދަކުރެއްވިއްޔާ ކުރަމުން، ނަތީޖާ ނެރެދެމުންދާނީ. ނަތީޖާ ނެރުމުގައި އަޅުގަނޑުމެންގެ ޓީމް، ކެބިނެޓް، ކުންފުނިތަކުގެ ވެރިން، އަދި އަޅުގަނޑުމެންގެ އެމް.ޕީސް، މަޖިލިސް މެންބަރުން އެކުގައި، އަދި އަޅުގަނޑުމެންގެ ހަމަ އެކިއެކި މުއައްސަސާތަކުގައި ތިބި އެކި ވެރިން، ކައުންސިލްތަކުގެ ވެރިންނާއި، މުޅި ސަރުކާރުގެ ނިޒާމު އެކީގައި މަސައްކަތް ކުރާނީ އެ ނިޔަތުގައި. އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭ މަންޒިލަށް، ރައްޔިތުން އެދޭ އަމާޒަށް، ހުރިހާ ރަށެއްގެ ކަންކަން އަޅުގަނޑުމެން ކޮށްދޭނެކަން އެއީ، އަޅުގަނޑަށް ޔަޤީންވާ ކަމެއްވީމަ، ތިޔަބޭފުޅުންނަށް ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ، އަޅުގަނޑު ހަމަ މާދިގުނުކޮށް، މިކަންކަން ބަޔާންކޮށްލާފައި ނިންމާލާނީ. އަޅުގަނޑު އެދެނީ، މިކަންކަން ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ދެއްވުން. މި ނިޒާމު ރޭވިފައި އޮންނަ ގޮތުން، ރައްޔިތުންގެ ނިންމުން ދެފަހަރެއްގެ މަތިން ނިންމައިގެން، ސަރުކާރަކަށް ކަމެއް ކުރެވެން މި އަންނަނީ. ރިޔާސީ އިންތިޚާބުގެ ނިންމުމާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނިންމުން. ދެ އިންތިޚާބު އެކީގައި އޮންނަނަމަ ވަރަށް ފަސޭހަވާނެ. އެހެން ނަމަވެސް، ދެ އިންތިޚާބު، ކޮންމެވެސް ސަބަބަކާހުރެ ހައެއްކަ މަސް، ދޭތެރެ މެދަށް އައިސްފައި މި އަންނަނީ.

އެހެންވީމާ، ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ، ސަރުކާރެއް ސްޓިއަރ ކުރުމުގައި، ވަކި ޑައިރެކްޝަނަކަށް، ވަކި މިޞްރާބަކުން ގެންދިޔުމުގައި ވަރަށް މުހިންމު ކޮންޓްރޯލިންގ ޕަވަރއެއް، ނޫނީވިއްޔާ އެ ވަކިގޮތަކަށް ގެންދިޔުމުގެ ބާރު، ދުސްތޫރުގައި ކަނޑައެޅިފައި އޮންނަ ނިޒާމެއް ރާއްޖޭގައި މިއޮތީ. މަސްހުނި ނިޒާމެއް. މުޅިން ރިޔާސީއެއް ނުވޭ. މުޅިން ބަރުލަމާނީއެއް ނުވެ އޮންނަ މަސްހުނި ނިޒާމެއް ޤާނޫނުއަސާސީގައި މިއޮތީ.

އެހެންވީމާ، އެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރުތަކެއް، އަދި އެ އަމުދުން ނަހަމަގޮތުގައި މިހާރު އޮތްގޮތަށް ބޭނުންކުރަން މަސައްކަތް ކުރަންޏާ، އިންތިހާއަށް ބޮއްސުންލައިގެން ހިނގައިދާނެ ނިޒާމެއް. ރައްޔިތުން ދޭތެރެ މެދުގައި ތާށިވެ، މުޅިން ގޮތް ހުސްވާ ހިސާބަށް ގެންދެވިދާނެ ނިޒާމެއް ރާއްޖޭގައި މިއޮތީ.

އެހެންވީމާ، ރައްޔިތުންގެ އަތަށް ބާރު މި އަންނަނީ. އަންނައިރުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެންބަރުން ހޮވުމުގެ ބާރު މި އަންނަނީ. މި އަންނަ މަހު 17 ވަނަ ދުވަހު. މާރިޗު މަހުގެ 17 ގައި އިރާދަކުރެއްވިއްޔާ ރާއްޖޭގައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. އެހެންވީމާ، އެ ދުވަހުގެ ވޯޓުލުމުގައި، ރައްޔިތުން އެބަޖެހޭ ގޮތް ނިންމައިދޭން. ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ، ރައްޔިތުން އެދިވަޑައިގަންނަވާ ބާރު ސްޕީޑްގައި، ނަތީޖާ ނެރުމުގައި ކުރިއަށް ދެވޭނެ މަގު، މި ދެންނެވި ފަދައިން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ފަހިވެގެންދާނެ ގޮތަށް ރޭވުމަކީ، ބުއްދިވެރި ނިންމުމަކަށް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެގޮތުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ރައްޔިތުން ގޮތް ނިންމަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އާދެ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.