މިޔަރާއި މިޔަރުން އުފައްދާ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި އެތަކެތި އެކްސްޕޯޓް ކުރުން 2010 ޖުލައި 1 ވަނަ ދުވަހުން ފެށިގެން މަނާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ރިޔާސަތު ބެލެހެއްޓެވި އެމަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އެނގިވަޑައިގަންނަވާނެފަދައިން، ހުސްވި ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި 2010 މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މުޅިން މަނާކުރެއްވުމަށް ނިންމަވާފައިވާ ނިންމެވުމާމެދު މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، މިކަމާގުޅޭ ކަރުދާހެއް ތައްޔާރު ކުރައްވައި 14 ދުވަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހަށް އަލުން ހުށަހެޅުއްވުމަށްވަނީ ނިންމަވާފައެވެ.

މި ގޮތުން ތައްޔާރުކުރެއްވި ކަރުދާހާބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދައްކަވައި، 2010 މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރެއްވުމަށް ނިންމަވައި އެ ނިންމެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ކަނޑައެޅުއްވިއެވެ. އަދި މިޔަރުގެ މަސްވެރިކަން ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ފާހަގަކުރެއްވިފައިވާ ފަރާތްތަކަށް، އިޤްތިޞާދީ އެހެން މަސައްކަތެއް ކުރުމަށް ނުވަތަ އެހެން ބާވަތެއްގެ މަސްވެރިކަމަކަށް އަހުލުވެރިކުރުވުމަށް އެހީތެރިކަން ފޯރުއްވައިދެއްވުމާއެކު، 2010 ޖުލައި 1 ގެ ފަހުން މިޔަރުގެ އެއްވެސް ބާވަތެއްގެ ވިޔަފާރިއާއި އެކްސްޕޯޓް ކުރުން މަނާކުރެއްވުމަށް ނިންމެވީއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސައުތު އޭޝިއަން ރީޖަނަލް ސްޓޭންޑަޑްސް އޯގަނައިޒޭޝަން (ސާސޯ) ގައި ރާއްޖެއިން ސޮއިކޮށްފައިވާތީ، މި މުޢާހަދާ ތަޞްދީޤު ކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، މި މުޢާހަދާ ރާއްޖެއިން ތަޞްދީޤު ކުރުމަށް ނިންމެވިއެވެ. މި މުޢާހަދާގެ މައިގަނޑު އެއްމަޤްޞަދަކީ، ސާކް މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ކަންކަމުގައި ބޭނުންކުރާ އުސޫލުތަކާއި މިންގަނޑުތައް، އެއްހަމައެއްގެ ދަށުން ތަރައްޤީކުރުމެވެ. މި މުޢާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރީ 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ބޭއްވުނު 15ވަނަ ސާރކް ސަމިޓުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި މުޢާހަދާގައި ރާއްޖެއިން ސޮއި ކުރުމުން، ރާއްޖޭގެ އުފެއްދުންތަކާއި އަދި ސާރކްގެ އެހެން ޤައުމުތަކުން ރާއްޖެއަށް އެތެރެކުރެވޭ މުދަލާމެދު، ކޮންސިއުމަރުންގެ އިތުބާރު ބޮޑުވާނެކަމާއި، ތަފާތު އެކިއެކި ޤައުމީ މިންގަނޑުތަކެއް ކަނޑައެޅުމުގައި ސާސޯގެ އެހީތެރިކަން ލިބޭނެކަން ފާހަގަކުރެއްވިއެވެ.