ސުވާލު:
އައްސަލާމު ޢަލައިކުމް. އަޅުގަނޑުގެ ނަމަކީ މުޙައްމަދު އަނަސް. އަޅުގަނޑު ދިރިއުޅެނީ ލ.ފޮނަދޫ، ޝާރާޒްގައި. އަޅުގަނޑަކީ ކޯޗެއް. މިރަށުގައި އެކަޑަމީއެއް ހަދައިގެން ގާތްގަނޑަކަށް 7 އަހަރު ދުވަސް މިވަނީ ކޯޗިން ދާއިރާގައި މަސައްކަތް ކުރަމުން އަންނަތާ. ކުދިން ބިނާކޮށް ތަމްރީނު ކުރުމުގެ މަސައްކަތުގައި އުޅޭތާ. އަޅުގަނޑު ކޮށްލަން ބޭނުންވާ ސުވާލަކީ، އަޅުގަނޑުމެން މިއެކަޑަމީ ހަދައިގެން ރަށްރަށުގައި މަސައްކަތް ކުރަމުންދާއިރު މާލީ ގޮތުން މިދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި ސީ.އެސް.އާރުގެ ދަށުން ރަށްރަށުގައި ހުންނަ ކުންފުނިތައް، އެކުންފުނިތަކުން ކީއްވެގެންތޯއޭ ކުޅިވަރަށް އެއްވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްނުދެނީ؟ އަސްލު ކުދިން ބިނާކުރުމުގައި ހަމައެކަނި ފުޓްބޯޅަ ނޫނީ، ހޭންޑްބޯޅަ މިކަހަލަ ކުޅިވަރު އެކަންޏެއްނޫން. ހަމައެކަނި އެކަމެއްނޫން. މީގައި މިއޮންނަނީ ކުދިންގެ ލައިފް ސްކިލް ދަސްކޮށްދިނުމާއި މިހުރިހާ ކަމެއް. ކުދިން ބިނާކުރުމުގައި ވަރަށް ބައިވަރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުންދާއިރު، މިކަމުގައި ރަށްރަށުގައި މިހުންނަ ކުންފުނިތަކުން އެމީހުންގެ ސީއެސްއާރުގެ ދަށުން އެކަންކަމަށް ޚަރަދު ނުކުރަންޏާ، އެއީ އަސްލު އަޅުގަނޑު ބަލަނީ އެއީ ރަށަށް އިޖްތިމާޢީ ހަރަކާތްތަކަށް ނުކުރާ ހޭދައެއްގެ ގޮތުގައި. އެހެންވީމާ އެމީހުން އިޖްތިމާޢީ ކަންކަމަށް ކުރާ ހޭދަ ތަންކޮޅެއް އިތުރުކޮށްލާނަމަ، މިކަންކަން ތަންކޮޅެއް ރަނގަޅަށް، ރަނގަޅު ސިސްޓަމެއްގެ ތެރެއިން ގެންދެވޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ އެކަޑަމީތައް ބާރުވެރި ކުރުމަށްޓަކައި ސީ.އެސް.އާރުގެ ދަށުން ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަމަކީ ކޮބައިތޯއޭ؟

ޖަވާބު:
އާދެ! މުޙައްމަދު އަނަސް ކުރެއްވި ސުވާލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ރަނގަޅު ޚިޔާލުފުޅެއް ތިޔަ ދެއްވެވީ. ސަރުކާރު ކުންފުނިތަކުން ކީއްވެތޯ އެހީތެރިކަން ނުދެނީ ކުޅިވަރުކުޅޭ ކުދިން ތަމްރީންކުރާ އެކިކަހަލަ އެކަޑަމީތަކާއި އެކިކަހަލަ ޖަމްޢިއްޔާތަކަށް. އާދެ! ތިޔަކަމަށް އަޅުގަނޑު އެޑްރެސް ކުރާނަން އިނގޭތޯ. ސަރުކާރުގެ އެކިކަހަލަ ކުންފުނިތަކުން އެކި ރަށްރަށުގައި މަސައްކަތްކުރަމުންދާއިރު ސީއެސްއާރުގެ ގޮތުގައި ކުރިއަށްއޮތްތަނުގައި ތިޔަބޭފުޅުންފަދަ ކޯޗުންނާއި އަދި އެކަޑަމީތަކަށް އެހީތެރިކަން ލިބޭނެފަދަ ގޮތްގޮތް ހޯދައިދިނުމަށް އަޅުގަނޑު ކުޅިވަރާއިބެހޭ ވަޒީރު މެދުވެރިކޮށް އަދި އެސޯސިއޭޝަންސްތަކަށް ގޮތްގޮތް ހޯދައިދިނުމަށް ކުންފުނިތަކާއި ވާހަކަ ދައްކައިގެން ރަނގަޅު ސިޔާސަތެއް ބައްޓަންކުރުމުގެ މަސައްކަތް ފަށާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ ދެއްވި ޚިޔާލަށް.