ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވަޒީފާގެ ފުރުޞަތު އިތުރުކުރުމާއި ރަށުގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާކަމާއި، މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން މަގު ބޭނުންކުރުމުގައި ހުރި ދަތިތަކާއި، އަދި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެރަށުގައި ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާކަމާއި، އައުޓްޑޯ ޖިމް، ފަތާ ޓްރެކް އަދި އ.ތ.މ. ކޮމިޓީއަށް އިމާރާތެއްގެ ބޭނުންތެރިކަންވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ވާދޫގެ ބިން ބޭނުންކޮށްގެން ރަށުގެ އިޤުތިޞާދު ކުރިއެރުވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ކުރިއަރުވައި، ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، ދަނޑުވެރިކަމާ ގުޅޭ އިންވެސްޓްމަންޓުތައް އެރަށަށް ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގައި ނުފެށިހުރި މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ސަމާލުކަން ދެއްވާނެކަމަށާއި، އަދި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.