ސަރުކާރުގެ އިޢްލާނުތަކާއި، ދެންނެވުންތަކާއި، ނޫސްބަޔާންތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވަމުން ގެންދަވާއިރު، ދިމާވާ އެކިމައްސަލަތައް ޙައްލު ކުރެއްވުމާ ބެހޭގޮތުން ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ބާއްވަވާ މަޝްވަރާ ބައްދަލުވުންތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފަށްޓަވައިފިއެވެ.

މިބައްދަލުވުންތައް ފަށްޓަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓް ނެރުއްވަމުން ގެންދަވާތާ އެއްއަހަރުވެފައި ވުމާއެކު، މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، ކުރެއްވިފައިވާ ތަޖްރިބާތަކާއި، ކުރިމަތިވި އެކިދަތިތަކާ ބެހޭގޮތުން ވާހަކަ ދައްކައި މަޝްވަރާ ކޮށްލުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، މިފަދަ ބައްދަލުވުންތަކެއް ފެށްޓެވީ ކަމަށް ވިދާޅުވިއެވެ. އަދި މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، އޮފީސްތަކުން ވެދެއްވާފައިވާ އެއްބާރުލެއްވުން ޕްރެސް ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި އަންޑަރ ސެކްރެޓަރީ ޙުސައިން ޢާމިރު ދެއްކެވި ވާހަކަފުޅުގައި، އެކިއެކި އިޢްލާނުތަކާއި ދެންނެވުންތައް ގެޒެޓަށް ފޮނުއްވާއިރު، މިހާރަށްވުރެ ބޮޑަށް އޮފީސްތަކުން ސަމާލުކަން ދެއްވަންވީ ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން ވަޒީފާއަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްނެތި ވަޒީފާއަށް އިޢްލާނު ކުރައްވާފައި ހުރުމާއި، އެކަށީގެންވާ މުއްދަތެއްނެތި އަންދާސީ ހިސާބު ހުށަހެޅުމަށް އިޢްލާނު ކުރައްވާފައި ހުރުމާއި، އިޢްލާނުގައި އެކަށީގެންވާ މަޢްލޫމާތު ނުހުންނަކަން ފާހަގަކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ޝަކުވާ އެއޮފީހަށްވެސް ލިބިވަޑައިގަންނަވަމުންދާ ކަމަށާއި، މިފަދަ ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކަށް ވުމާއެކު، މިކަންކަމަށް އޮފީސްތަކުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުންތަކަކީ ވަކި ތާވަލެއްގެ ދަށުން ސަރުކާރުގެ ހުރިހާ އޮފީސްތަކާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ ކަމާބެހޭ މުވައްޒަފުން ބައިވެރިކުރައްވައިގެން ބާއްވަވާ ބައްދަލުކުރެއްވުންތަކެކެވެ.