އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ތަކުން އެދެމުންދާ އެލަވަންސްތައް ހޯދައިދިނުމަށް ޤާނޫނަށަް އިޞްލާޙު ހުށަހަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އ.ތ.މ. ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ޤާނޫނު އޮތްގޮތުން ހުރަސްތަކެއް ހުރިކަން ފާހަގަ ކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެސިޓީގެ ޞިއްޙީ ޚިދުމަތްތައް މިހާރު ހުރީ ހުންނަންވީ ފެންވަރެއްގައި ނޫންކަމަށާއި އެސިޓީގައި މި ސަރުކާރުން ފުރިހަމަ ޓަރޝަރީ ހޮސްޕިޓަލެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭނެ 3 ސަރަޙައްދެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށާއި އަދި ބަނދަރު ބޮޑުކޮށް އަލުން ތަރައްޤީ ކުރާނީ ރައްޔިތުން އެދޭ ގޮތަށް ގިނަ ބޭނުންތަކަށް ފުދޭ ބަނދަރެއްގެ ގޮތުގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ފެށުންކަމުގައެވެ. ފުވައްމުލައް ސިޓީގައި މިއަދު ޢަމަލީ މަސައްކަތް ފެށްޓެވި މަޝްރޫޢުގެ ދަށުން ޖުމްލަ 12 ކިލޯމީޓަރުގެ މަގު ހަދާނެއެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ފަޅުރަށް ލިބޭގޮތަށް ގެންނެވި ބަދަލާއެކު ފުވައްމުލައް ސިޓީއަށް އިޤުތިޞާދީ މަންފާ ލިބޭގޮތަށް ފަޅުރަށެއް ހޯދުމުގައި އެއްބާރުލުންދީ ސީދާ ސަރުކާރުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.