ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫންކަމުގައި ވިދާޅުވެ، އެހެންނަމަވެސް އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ޤައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ފެށުނުއިރު 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާކަން ފާހަގަ ކުރައްވާފައެވެ. ހަމައެހެންމެ ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރިވަރަށްވުރެ ގިނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ޖުމްލަ 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިކަންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ހާލަތު އޮތްގޮތަށް ބަލާއިރު ފައިސާ ޗާޕްކުރުން ހުއްޓާލުމަށާއި، އިޤުތިޞާދީ ހާލަތު ބަދަލުކުރުމަށް މިސަރުކާރުން އެޅި ފިޔަވަޅުތަކަކީ މިހާލަތުގައި އޮތް އެއްވެސް ޤައުމަކުން ނުނިންމާފަދަ ހިތްވަރު ގަދަ ނިންމުމެއްކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ފާހަގަކުރާކަމުގައެވެ.
މީގެ އިތުރުން މިސަރުކާރުން ލޯނު ނަގައިގެން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތައްވެސް ކުރިއަށްގެންދާނީ ދިވެހިންނަށް އޭގެ މަންފާ ކުރާގޮތަށްކަން ފާހަގަކުރައްވައި، އައްޑޫސިޓީގެ ހުޅުދޫމީދޫއާއި ހިތަދޫ ގުޅުވާލާ ބުރިޖުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ އެގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެކަމަށް ބޭނުންވާ ބައެއް ސާމާނާއި ލޮޖިސްޓިކްސްގެ މަސައްކަތްތައް ފަދަ ކަންކަމުން އައްޑޫސިޓީގެ ރައްޔިތުންނަށް މަންފާކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
އައްޑޫސިޓީ ކައުންސިލާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެހުރިހާ ކަމެއްވެސް މިސަރުކާރުން ފުރިހަމަކޮށްދެއްވާނެކަމަށެވެ. އެހެންނަމަވެސް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތަށް ބަލައި އެންމެ އިސްކަންދޭ ކަންކަން ތަރުތީބުކުރައްވައިގެން ކުރިއަށްދިއުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.