ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާރކެލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ. ފެޑެރަލް ޗާންސެލަރީގައި އޮތް މިބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވިއެވެ. ޗާންސެލަރ ޑޮކްޓަރ އެންޖެލާ މާރކެލް ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވުމަށްފަހު، ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުން އޮތެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާބެހޭގޮތުންނާއި މި ގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޖަރުމަނުވިލާތު ޗާންސެލަރ މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ޗާންސެލަރ ޑޮކްޓަރ އެންޖެލާ މާރކެލްއާ ދެބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރެޓިކް އިޞްލާޙު ގެނައުމުގައި ޖަރުމަނުވިލާތުން ވެދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޗާންސެލަރަށާއި ޖަރުމަނު ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ޖަރުމަނުވިލާތުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، މިދިޔަ ޑިސެމްބަރމަހު ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ ތިމާވެށްޓާބެހޭ ސަމިޓުގައި އެއްބަސްވުމަކާ ހަމައަށް އައުމުގައި، ޗާންސެލަރ ޑޮކްޓަރ އެންޖެލާ މާކެލް އަދާކުރެއްވި ދައުރު ވަރަށް ބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ.
ޗާންސެލަރ ޑޮކްޓަރ އެންޖެލާ މާކެލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ފުރިހަމަ ޑިކޮމްރެޓިކް ނިޒާމަކަށް ބަދަލުވެގެން ދިޔައީ ވަރަށް އޮމާންކަމާއި އަމާންކަމާއެކީގައިކަން ބަޔާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވެރިރަށް ބާރލިންއަށް ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އެމަނިކުފާ ބާރލިންގެ ބައެއް މުހިންމު ތަންތަނާއި އާޘާރީ ތަންތަނާއި އަދި ކުރީގެ ޕޮލިޓިކަލް ޕްރިޒަނެއް މިއަދު ބައްލަވާލެއްވިއެވެ.