ރާއްޖެއިން އައި.އެލް.އޯ.ގައި ބައވެރިވުމަށް ސަރުކާރުން ނިންމެވީ، ޢިއްޒަތާއި ޤަދަރުވެރިކަމާއި އެކީގައި ޙައްޤު އުޖޫރައަކަށް މަސައްކަތްކުރާ މީހަކަށްވުމުގެ ފުރުސަތު ދިވެހޖި ކޮންމެ ރައްޔިތަކަށް ހޯއްދަވައި ދެއްވުމަށްޓަކައި ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ.)ގެ އަސާސީ 8 މުޢާހަދާއާ ބެހޭގޮތުން ސަރުކާރާއި، ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމްޢިއްޔާތައް ބައިވެރިވާ ސެމިނާރެއް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި އޮތް މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން އައި.އެލް.އޯ.ގައި ބައިވެރިވެފައިވަނީ އެއްވެސް ފަރާތަކުން ސަރުކާރަށް އެއްވެސްވަރެއްގެ ފިއްތުންތަކެއް ނުވަތަ މަޖުބޫރުކުރުވުމެއް އޮވެގެން ނޫން ކަމުގައި ވިދާޅުވިއެވެ. އަދި، އައި.އެލް.އޯ.ގައި ރާއްޖެއިން ބައިވެރިވުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބެންހުރި ބައެއް ފައިދާތައް މިހާރުވެސް ފެންނަން އެބަހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ މަސައްކަތުގެ ދާއިރާތައް ދުނިޔޭގެ ފެންވަރުގައި ރަނގަޅުކުރެވި، ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްގޮތަށް މިންގަނޑުތައް ކަނޑައެޅި، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނެސް މަސައްކަތް ކުރުމަށް ހިތްހަމަޖެހޭފަދަތަނަކަށް ރާއްޖެ ހެދޭނެކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ، އެޤައުމުގެ ރައްޔިތުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅުދައްކަވަމުން، ކޮންމެ މީހަކަށްވެސް ލިބިފައިވާ ތަޢުލީމަކާއި ތަޖުރިބާއެއް އޭގެ އެންމެ ރަނގަޅުގޮތުގައި ލިބިދިނުމަށްޓަކައި ކަންކަން ފަހިކުރުމަކީ އެންމެންގެ ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވުމާއެކު މިއަދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ އަންހެނުންނަށް ފޮނުއްވިއެވެ.

މިއަދު މިފެށުނު ސެމިނާރަކީ، އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް ގުޅިވަޑައިގެން ބާއްވަވާ ތިން ދުވަހުގެ ސެމިނާރެކެވެ.