ސުވާލު:
އަޅުގަނޑު ރައީސް އާއި ކޮށްލަން ބޭނުންވާ ސުވާލަކީ، ކެމްޕޭން ދުވަސްވަރު ރައީސް ވިދާޅުވެފައި ވަނީ އަޅުގަނޑުމެން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، ބޯހިޔާވަހިކަމުގެ ކަންތައްތައް ފުރިހަމަ ކޮށްދޭނެ ވާހަކަ. ކޮންދުވަހަކުންތޯއޭ އެކަންތައްތައް ފެށިގެންދާނީ؟ ޓުއަރިޒަމް ދާއިރާގައި، ޚާއްޞަކޮށް ޒުވާނުން ވަރަށްބޮޑަށް އިންތިޒާރު ކުރަމުންދާ ކަމެއް އެއީ އިނގޭތޯ. ދެވަނަ ކަމަކަށް، ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ޒުވާނުންގެ ޚިޔާލު ހޯދައިގެން ޓުއަރިޒަމްގެ ސިނާޢަތު އިތުރަށް ފުޅާކުރުމަށް މަނިކުފާނު ވިސްނުން ގެންގުޅުއްވަންތޯ؟ މި ދެސުވާލު އަޅުގަނޑު ކޮށްލަން ބޭނުންވަނީ.

ޖަވާބު:
އާދެ! ތޯހާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް، ޚާއްޞަކޮށް ޒުވާނުންނަކީ އަޅުގަނޑުމެންގެ ސަރުކާރުގައި ވަރަށް އިސްކަމެއްދޭނެ ފަރާތްތަކެއް. އަޅުގަނޑު ވަޢުދުވެސްވެފައިވާނީ، ދެންމެ ތިޔަވިދާޅުވިގޮތަށް. އެއްކަމަކަށް ހައުސިންގ ކަންތައް. މިހާރު ކެބިނެޓުން އޮންނާނީ ނިންމާފައި ވެސްމެ އެކަންތައް. ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ރައްޔިތުންނަށް ޚާއްޞަ ހައުސިންގ ސްކީމެއް، ސޯޝަލް ހައުސިންގ ޕްރޮޖެކްޓްސްތަކުގެ ތެރެއިން ކުރިއަށްގެންދަން. އަދި މިހާރު އެކަމާއި ގުޅޭ އޮނިގަނޑު އެ އޮތީ ފާސްކުރެވިފައި. ކެބިނެޓުން ނިންމާފައި އެ އޮތީ. އެއޮނިގަނޑުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް ދާއިރާގެ އެކިއެކި ޖަމުޢިއްޔާތަކާއި، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާއާއި އެކީގައި އެ ކެޓަގަރީގެ ތަފްޞީލްތައް ނިންމަން. މާނައަކީ ޝަރުތުތައް ކަނޑައަޅާނެ ގޮތާއި ޕޮއިންޓްދޭނެ ގޮތާއި މިކަންކަން ނިންމަން. ދެން އަނެއްކަމަކަށް ނިންމާފައިވާނީ ޓޫރިޒަމްގެ އެކި އެކި ސަރަޙައްދުތަކުގައި، އެ ސަރަޙައްދެއްގައި ހިންގާ ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން ވަކި އިންސައްތައެއް ކަނޑައަޅާގޮތަށް ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް. މާނައަކީ ހަމައެކަނި މާލެ، ހުޅުމާލެ މިސަރަޙައްދުގައި އަޅާ ހައުސިންގ ޔުނިޓްތަކަކުން ނޫނޭ ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓްތައް ދޭނީ، ނޫނީ ހައުސިންގ ލިބޭނީ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިންގ ޕްރޮޖެކްޓްސް ހިންގޭނެ. އެހިންގާއިރު އެސަރަޙައްދެއްގައި ހުރި ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އެސަރަޙައްދުން ފްލެޓް، ނޫނީ ހައުސިންގ ޕްރޮޖެކްޓުގެ ޔުނިޓްތަކުން ޖާގަ ލިބޭގޮތަށް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ.
އެހެންވީމާ އެކަން އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ދެން ކޮންއިރަކުންތޯ؟ އެންމެ އަވަހަށް ފެށޭ ހައުސިންގ ޔުނިޓް ޕްރޮޖެކްޓްތަކުގެ ތެރެއިންވެސް އެކަން ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރު އެކަމާއި ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ވަރަށް އުއްމީދުކުރަން މިއަހަރު ތެރޭގައި އެފުރުޞަތު ލިބިގެންދާނެކަމަށް.
ދެވަނަ ސުވާލަކީ، ޒުވާނުން ބައިވެރި ކޮށްގެން ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގައި ޚިޔާލާއި މަޝްވަރާ ހޯދާނެތޯ؟ އާދެ! އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވޭ. ބޭނުންވާ ގޮތަކީވެސް ހަމަ ޒުވާނުން ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރީން، ޚިދުމަތްތެރީންގެ ޚިޔާލާއި މަޝްވަރާއާއި އެއްގޮތަށް ދާއިރާ ކުރިއަރުވަން.