ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫރަޕްގެ 4 ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ޖަރުމަނުވިލާތަށެވެ. ޖަރުމަނުވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ޗާންސެލަރާ އެމަނިކުފާނު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަރުމަނުވިލާތުގައި ބޭއްވޭ ދުނިޔޭގެ އެންމެބޮޑު ޓޫރިޒަމް ފެއަރގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެއިތުރުން، ރާއްޖެއަށް ޓޫރިސްޓުން ގެންނަ ޖަރުމަނުވިލާތުގެ އެކި ޓުއަރ އެޖެންސީތަކާއި އަދި މި ވިޔަފާރީގައި ޙަރަކާތްތެރިވާ އެކި ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. އަދި ތިމާވެށްޓާބެހޭ އެކި އިސްބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ.

ޖަރުމަނުވިލާތުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނީ، އައިސްލެންޑަށެވެ. އައިސްލެންޑަށް ކުރައްވާ ދަތުރުފުޅުގައި، އައިސްލެންޑްގެ ރައީސާއި، ބޮޑުވަޒީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ. އަދި އެތާނގެ ބައެއް ވަޒީރުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ޔުނިވަރސިޓީ އޮފް އައިސްލެންޑްގައި ތަޤްރީރެއް ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްވިޓްޒަރލެންޑަށްވެސް ވަޑައިގަންނަވާނެއެވެ. އަދި ސްވިޓްޒަރލެންޑްގެ ނައިބު ރައީސާ ބައްދަލުކުރައްވާނެއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅު ނިންމަވާލައްވާނީ ފިންލެންޑުންނެވެ. ފިންލެންޑަށް ކުރައްވާ ދަތުރުފުޅުގައި، ފިންލެންޑްގެ ރައީސާއި، އެތާނގެ ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި ފިނިޝް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް އެފެއާޒުން އިންތިޒާމު ކުރައްވައިގެން ބާއްވަވާ ސެމިނާރަކާއި، ބަޙުޘެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.