ރަށްރަށުގެ އިންޖީނުގެތައް ޔުޓިލިޓީ ކުންފުނިތަކުން ހިންގެވުމުގެ ނިޒާމަކީ، ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައި، ވަރަށް ބޮޑަށް ދިރާސާ ކުރައްވައިގެން އެކުލަވާލައްވާފައިވާ އަދި ރައްޔިތުންނަށް ފައިދާހުރި ނިޒާމެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރަށްރަށުގެ އިންޖީނުގެތައް ޔުޓިލިޓީ ކުންފުނިތަކުން ހިންގުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ސަރުކާރުން އުފައްދަވާފައިމިވާ ޔުޓިލިޓީ ކުންފުނިތައް ޙަރަކާތްތެރިވަމުންދާ ރަށްރަށުގައި، ކަރަންޓް ދިނުމުގެ ކަންތައްތައް ކުރިއާ އަޅާބަލާއިރު ހިނގަމުންދާލެއް ކިތަންމެ ތަނަކުން ރަނގަޅުކަން މިއަހަރު އެމަނިކުފާނު ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ކުރައްވާފައިވާ ދަތުރުފުޅުތަކުން ފާހަގަކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ބައެއް ރަށްރަށުގައި ޔުޓިލިޓީ ކުންފުންޏާ އިންޖީނުގެ ޙަވާލު ނުކުރުމަށް ބައެއް ބޭފުޅުން ގަދައަޅައި މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމަށާއި، އެހެން މަސައްކަތް ކުރައްވާއިރު، އެރަށްރަށުގެ އިންޖީނުގެތައް ހިންގުމުގެ ޙާލަތު އަދި އެ އިންޖީނުގެތައް ހުރި ޙާލަތު އެމަނިކުފާނަށް ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މާދަމާ އިންޖީނެއް ހަލާކުވިޔަސް، އިންޖީނެއް ގެނެވޭނެ އިތުރު ގޮތެއް ނެތް ކަމަށާއި، އިންޖީނު މަރާމާތު ކުރުމަށްވެސް ރަށުގައި އެ ލިބެންހުރި މިންވަރަށްވުރެ އިތުރު ގޮތެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ޕްރޮވިންސްގެ ޔުޓިލިޓީ ކުންފުނިތަކުން އިންޖީނުގެ ހިންގާއިރު، އެކުންފުނީގެ ފަރާތުން އެ އިންޖީނުގެތައް މާބޮޑަށް، މާރަނގަޅަށް ބެލެހެއްޓޭނެ ކަމަށާއި، މިޒަމާނުގެ ތަރައްޤީއާ ދިމާއަށް އަޅުގަނޑުމެންނަށް ދެވެން އޮތީ، ޔުޓިލިޓީ ކުންފުނިތަކާ ޙަވާލުކޮށްގެން އިންޖީނުގެތައް ހިންގީމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "ރަށެއްގެ ގޮނޑުދޮށާ ހިސާބުން އެރަށެއް ހުއްޓޭގޮތަށް، ނިމޭގޮތަށް އަޅުގަނޑުމެން ވިސްނައިގެން ކަންކަން ކުރަމުން ގެންގޮއްސިނަމަ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ، ކުރިއެރުން އަޅުގަނޑުމެންނަށް ހޯދުން ހަމަ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ދަތިވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދްމަތް ދެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރަނގަޅު ފެންވަރެއްގައި ޞިއްޙީ ޚިދްމަތް ލިބުމަކީ، ރަށްރަށުގެ ރައްޔިތުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއްދޭ ކަމަށާއި، ޚާއްޞަކޮށް، ކުދި ރަށްރަށުގެ ރައްޔިތުންނަށް އެޚިދްމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ، އެކަމާ އެރައްޔިތުން ވަރަށް ކަންބޮޑުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އެ ޚިދްމަތް އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް އިންތިޒާމު ކުރައްވަމުން ގެންދަވާ ނިޒާމަކީ ދަތުރުފަތުރުގެ ނިޒާމު ކަމަށާއި، އަތޮޅުތަކަށް މި ނިޒާމުގެ ޚިދްމަތް ފޯރުއްވައިދެއްވުނީމާ، ކައިރީގައި ހުރި ފުރިހަމައަށް ޚިދްމަތްދެވޭ ހެލްތް ސެންޓަރުތަކަށް ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި އައިސް ގޮސް އުޅެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ކުދި ރަށްރަށުގެ ހެލްތް ސެންޓަރުތައްވެސް މިހާރަށްވުރެ ބޮޑަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ނުހަނު މަސައްކަތް ކުރައްވާނެ ކަމާއި، އެއީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު އަންނަ އާދީއްތަ ދުވަހު ޔޫރަޕްގެ ބައެއް ޤައުމުތަކަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.