ކިނބިދޫއާ ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުން ހަޤީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކިނބިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކިނބިދޫގެ ރައްޔިތުން އެންމެ އިސްކަންދޭ ކަމަކީ ކިނބިދޫއާ ވޭމަންޑޫ ގުޅާލުންކަމުގައިވާތީ ސަރުކާރުން ވެސް އެންމެ އިސްކަންދޭނީ އެމަސައްކަތަށް ކަމުގައެވެ. މީގެ އިތުރުން ތ. އަތޮޅު މަޑިފުށްޓާ ދިޔަމިގިލިވެސް ކޯޒްވޭއަކުން ގުޅާލަން ނިންމާފައިވާތީ ކޮޅުމަޑުލުގައި ޖުމްލަ ދެ ކޯޒް އެޅިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ މުހިންމީ އިޤްތިޞާދީ ކުރިއެރުން ގެނެސްދިނުން ކަމުގައެވެ. އެގޮތުން އިޤްތިޞާދު ފުޅާކޮށް އާމްދަނީ އިތުރުކުރަމުން އަދި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރަމުން ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދުތައް އެބޭނުންވާގޮތަށް ހާޞިލްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީ މާނަހުރި ގޮތެއްގައި ގެނެވޭނީ މިހާރު ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެވިގެންކަމުގައެވެ. އަދި އެކަމުން އަރައިގަތުމަށާ އިޤްތިޞާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިޤްތިޞާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަށްރަށުގެ ރައްޔިތުންނަށް ފުދުންތެރިކަން ލިބޭނެ މަގު ސަރުކާރުން ކޮށައިދޭނެކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށްކަމުގައި ވިދާޅުވިއެވެ. އެގޮތުން ކައުންސިލުތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް އައުމުގެ ބަދަލުގައި އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިޔަތް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ދަތުރުތައް ކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.