ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ކޮޅުމަޑުލު ކަނޑޫދޫގެ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް އިދާރާއިން ވަނީ ހެލްތް ސެންޓަރަށް ބޭނުންވާ ޚިދުމަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ކުރިމަތިވާ ދަތިތަކާއި، ބަނދަރު ހަލާކުވަމުންދާތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން ރަށަށް އޭ.ޓީ.އެމް އެއް ބޭނުންވާކަމަށާއި، ރަށުގެ ފަޅުގައި އެއާޕޯޓެއް ހެދުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަންހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއަށް ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއިއެކު މަސައްކަތްކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކަނޑޫދޫއަށް މިކުރައްވާ ދަތުރުފުޅަކީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ތިންދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ދެވަނަ މަންޒިލެއްގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.