ސުވާލު:

އަޅުގަނޑު ރައީސްއާ ސުވާލުކޮށްލަން ބޭނުންވަނީ މިހާރު ގޯތިތަކާ ބެހޭ ގޮތުން ގޮތް ނޭނގޭ މީޑިއާތަކުން މިދައްކާ ވާހަކަތަކާ ބެހޭ ގޮތުން. ހަމަ އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ. މެޑަމް ގެންގުޅުއްވައޭ ލިސްޓެއް އެބަ. މެޑަމްގެ ލިސްޓަށޭ ގޯތިތަކާއި ފްލެޓްތައް ބައްސަވަނީ. އަޅުގަނޑު ޤަބޫލެއް ނުކުރަން. އެކަމަކު ރައީސް، ރައްޔިތުންނަށް އަޅުގަނޑު މި މެސެޖް ދޭން ބޭނުންވާތީ ހަމަ ރައީސްއާ ސުވާލު ކޮށްލަން ބޭނުންވަނީ.

ޖަވާބު:

އާދެ! ފާޠިމަތު އާދަމް ކުރެއްވި ސުވާލަކީ ވަރަށް ގިނަ މީހުންގެ ހިތުގައި ޝައްކު އުފައްދަން މިހާރު އެކި މީހުން ކުރާ މަސައްކަތުން އުފެދިފައިވާ ސުވާލެއް. އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ އަޅުގަނޑެއް އަދި އަޅުގަނޑުގެ އަންހެނުން ވިޔަސް އަދި އަޅުގަނޑުގެ ރައްޓެއްސެއްވިޔަސް ސަރުކާރުގެ އެއްވެސް މަޤާމެއްގައި ހުރި މީހެއްވިޔަސް އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެންނެއް، މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ޙައްޤަކަށް ނާރާނެ. އެއީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް އަދި އެހެން ކަހަލަ ޙައްޤެއްކަމަށް ވިޔަސް، އެ ޙައްޤަކުން އެއްވެސް މީހެއް މަޙުރޫމް ކުރުމުގެ އެއްވެސްކަމެއް ނުކުރާނެ. އެފަދަ ކަމެއް ކުރުމަކަށް އަޅުގަނޑު ޖާގައެއްވެސް ނުދޭނަން. އެހެންވީމާ ޔަޤީން ކުރަންވީ ކަމަކީ ފްލެޓް ލިސްޓް ވިޔަސް ގޯތި ލިސްޓް ވިޔަސް އަދި އެހެން އެއްވެސް ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭކަމެއް ވިޔަސް އެކަން ކުރިއަށްދާނީ އިންސާފުވެރިކަމާއެކީގައި. ހަމަހަމަކަމާ އެކީގައި. ދެފުށްފެންނަ ގޮތަށް. އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޖާގަދޭނެ ކަމެއް ނޫން. އަދި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މަޢުލޫމާތު ލިބިއްޖެއްޔާ އެކަމަކަށް އިސްވެ ފިޔަވަޅު އަޅުގަނޑު އަޅާނަން. އެހެންވީމާ މިހާރު ނެރޭ ލިސްޓު، ނޫނިއްޔާ އެއްވެސް އެކަހަލަ މަޢުލޫމާތަކާއި ގުޅޭގޮތުން އެދައްކާ ވާހަކަތަކަކީ އެއްގޮތަކަށްވެސް ޙަޤީޤަތެއް ހިމެނޭ ކަންކަމެއްނޫން. އެއީ ސަރުކާރާ މެދުގައި ޙަޤީޤަތެއްނެތް ވާހަކަތަކެއް ފަތުރައިގެން ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއް. އެހެންވީމާ އަޅުގަނޑު މިދޭ ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ރައްޔިތުންގެ ޙައްޤު، އަޅުގަނޑު އިރާދަކުރެއްވިއްޔާ ތެދުވެރިކަމާއެކީގައި އަދާކޮށްދޭނަން.