ސުވާލު:

އަޅުގަނޑުގެ ސުވާލަކީ ޑރ. މުޢިއްޒު ވިދާޅުވެފައި އެބަ ވޭ އެކަނިވެރި މައިންނަށް ރަނގަޅު އިނާޔަތެއް މި ސަރުކާރުން ދެއްވާނަމޭ. ދެން އޭތި ލިބޭނީ ކޮން އިރަކުންތޯއޭ؟ ދެން އޭތި ލިބޭނެ ދުވަހަކަށް ވަރަށް އެބަ އިންތިޒާރުކުރަން. ދެން އަދިވެސް އަޅުގަނޑުގެ ސުވާލެއް އެބަ އޮތް. އަޅުގަނޑުގެ ދެވަނަ ސުވާލަކީ ޑރ. މުޢިއްޒުގެ ސަރުކާރެއްގައި ޔަތީމު ކުދިންނާއި ދޭތެރޭ ކިހާބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނަންތޯއޭ؟ އަޅުގަނޑަކީ ޔަތީމު ކުދިންވެސް ތިބި މީހަކަށްވެފައި އަޅުގަނޑަށް އެ އިހުސާސްކުރެވިފައި ވާތީ އެކަމަށް ހައްލެއް ހޯދަން އަޅުގަނޑު ބޭނުން. ބައްޕަ ދުނިޔޭގައި ނެތް ކުދިންނަށް ވާރިޘުން ވެސް ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި. އެހެންކަމުން މި މައްސަލައަށް ވަރަށް ބޮޑު ހައްލެއް ގެނެސްދެއްވާނެކަމަށް އުއްމީދުކުރަން. ޝުކުރިއްޔާ


ޖަވާބު:

އާދެ! ޢާފިޔާގެ ސުވާލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އާދެ! ދެ ކަމެއް ފާހަގަކުރެއްވެވި. އެކަނިވެރި މައިންގެ އިނާޔަތުގެ ވާހަކައާއި ޔަތީމު ކުދިންގެ ވާހަކަ. އެކަނިވެރި މައިންނަށް ދޭ އިނާޔަތް ބޮޑުކުރުމަކީ އަޅުގަނޑު ވެފައިވާ ވަޢުދެއް. ދެން އިރާދަކުރެއްވިއްޔާ ވަޢުދު ހަމަ ފުއްދާނަން. މިއަހަރުގެ ބަޖެޓުގެ ތެރެއިން އިތުރުކުރުމަކީ މުޅިން އަދި ހަމަޖެހިފައި އޮތް ކަމެއް ނޫން. އިޤްތިޞާދުގައި މި ކުރަން ހުރި މަސައްކަތްތައް އިތުރަށް ރަނގަޅުކުރަން ކަންކަން ހުރީމާ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑު ކުރެވިގެންދާނެ އަހަރެއްކަމުގައި ހަދާނަން. މިއަހަރުވެސް ހަމަ މަސައްކަތް ކުރަމުން މިދަނީ. ވަރަށް އިސްކަންދޭ ކަމެއް އަޅުގަނޑުމެން ހަމަ.
ދެން ދެވަނަ ކަމަކަށް ޔަތީމު ކުދިންނަށްޓަކައި އެކިކަހަލަ ކަންތައްތައް ރަނގަޅަށް ކުރިއަށް ގެންދިއުން. މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ. ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް އެކަންކަން ފުޅާކުރެވިގެންދާނެ. ކުރިއަށް އޮތް ދުވަސްތަކުގައި ޔަތީމު ކުދިންނަށް ވެސް އަދި މުޖުތަމަޢުގައި ހަވާސާވެފައިވާ އަޅާނުލެވޭ އެހެން ހުރިހާ ފަރާތްތަކަށް ވެސް މީގެކުރިން ނުދެވޭ ވަރުގެ ސަމާލުކަމެއްދީ އަޅާލުންތެރިކަން، އެހީތެރިކަން، އަޅުގަނޑުމެން ފޯރުކޮށްދޭނަން.