ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި ބިލް އަލުން މި ހުށަހެޅުއްވީ، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ބިލަށް އިޞްލާޙު ގެންނަވައި، ބިލު އިތުރަށް ފުރިހަމަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހުގައެވެ.

އިޞްލާޙު ކުރައްވައި ހުށަހެޅުއްވި މިބިލުގައި، ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއް ހިންގަންވާނީ، ޤާނޫނުއަސާސީއާއި މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން އެ އިދާރާ ހިންގުމަށް އިންތިޚާބުކުރާ އަތޮޅު ކައުންސިލުން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ މެންބަރުންގެ ތެރޭގައި، ދެޖިންސުގެ މީހުން ހިމެނުމުގެ ފުރްޞަތު ކަށަވަރުކޮށްދިނުމަށްޓަކައި، ކައުންސިލުގައި ހިމެނޭ މެންބަރުންގެ ޢަދަދުގެ ތެރެއިން އެއްވެސް ޖިންސަކަށް ނިސްބަތްވާ ޢަދަދު ސައްތައިން ތިރީހަށްވުރެ މަދުނުވާގޮތަށް ރަށު ކައުންސިލަށާއި ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރެވޭނެ ނިޒާމެއް ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ކޮންމެ ރަށު ކައުންސިލެއްގައި، އެ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 10 މެންބަރުންގެ ކޮމިޓީއެއް އޮންނަންވާނެ ކަމަށާއި، މި ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނީ އެރަށުގެ އަންހެނުންގެ މެދުގައި ބާއްވާ އިންތިޚާބަކުން ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ސަރުކާރުގެ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ އިދާރާތަކުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ދޭންޖެހޭ ޚިދުމަތްތައް ދިނުމަށާއި، ސަރުކާރުގެ މިނިސްޓްރީތަކުންނާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ އިދާރާތަކުން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕްރޮވިންސް އޮފީސްތަކެއް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ. ޕްރޮވިންސް އޮފީސްތައް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓްރީއެއްގެ ބެއްލެވުމުގެ ދަށުންނެވެ.

ހަމައެއާއެކު، ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރަށް ލަފާ ދެއްވުމަށްޓަކައި ޕްރޮވިންސް ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާނެ ކަމަށާއި، ޕްރޮވިންސް ކައުންސިލް އެކުލެވިގެންވަނީ، އެ ޕްރޮވިންސްގައި ހިމެނޭ ކޮންމެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލުން އެ ކައުންސިލްގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ 3 މެންބަރުންނާއި، އެ އިދާރީ ދާއިރާއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން އިންތިޚާބު ކުރެވޭ 2 މެންބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި ބިލް، ސަރުކާރުން މިހުށަހެޅުއްވީ، ފަތުރުވެރިކަމުގެ ޞިނާޢަތު ފުޅާވެ ކުރިއަރަމުންދާއިރު، ދެމެހެއްޓެނިވި ޞިނާޢަތަކަށް އެޞިނާޢަތު ހައްދަވައި ބައްޓަން ކުރެއްވުމަށް ޤާނޫނަށް ގެންނަވަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ބަދަލު ގެންނެވުމަށާއި، ފަތުރުވެރިކަމުން ސަރުކާރަށް އިތުރު އާމްދަނީ ލިބިވަޑައިގަންނަވާނެ ގޮތްތަކެއް ޤާނޫނު މެދުވެރިކުރައްވައި ތަޢާރުފު ކުރެއްވުމަށެވެ.