ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިރޭ ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންތައްތަކާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ވޭމަންޑޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ޒުވާނުންނަށް ކުޅިވަރާއި ކަސްރަތަށް ބޭނުންވާ ބައެއް ކަންކަން ތަފުސީލީ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ވޭމަންޑޫގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހުރިކަމާއި، ޕޮލިސް ސްޓޭޝަން ހެދުމުގެ މަޝްރޫޢު ކުރިއަށް ނުދިއުމާއި، ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުންވަނީ ވޭމަންޑޫގެ މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަށްޓަކައި އައިސް ޕްލާންޓެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވޭމަންޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް ވަނީ ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރަށުގައި ކުޑަކުދިންގެ ޕާކެއް ނެތުމާއި، ކަނބަލުންނަށް ރަށުގައި ކުޅިވަރުކުޅެވޭނެ ފުރުޞަތު ހަނިވުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކޮމިޓީގެ ބަޖެޓު ކުޑަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް މި ބައްދަލުވުމުގައި ވޭމަންޑޫ އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ހައްލުކުރެއްވުމަށް ކުރެވެންހުރި ކަންކަން ބައްލަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވޭމަންޑޫއަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ފެއްޓެވި 3 ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ހަތަރުވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.