بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މަޑިފުށީގެ ލޮބުވެތި ރައްޔިތުން، އަދި މި ރަށުގެ އަދި މި އަތޮޅުގެ އިސްވެރިން، އަޅުގަނޑާ އެކީ ވަޑައިގެންނެވި ދައުލަތުގެ އިސްވެރިން، މި ޖަލްސާ ދުރާ ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑާއި އަޅުގަނޑުގެ ޓީމު މި ރަށަށް އައުމުން، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް އެންމެ ފުރަތަމަވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް، މަޝްރޫޢުތައް އަދި އުންމީދު ހާސިލުކޮށްދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަމޭ. އަޅުގަނޑު އިޤްތިޞާދުގެ ވާހަކަ ދައްކަމުން އެބަ ދަން. އިއްޔެ ވަރަށް ތަފްޞީލުކޮށް ދެއްކިން. އެއީ، ޙަޤީޤަތް. އަޅުގަނޑުމެން މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، ދެންމެ މިނިސްޓަރ ޒަމީރު އެ ފާހަގަކުރެއްވި ފަދައިން، ސްޕެންޑް ކުރަމުން، އާރން ކުރަމުން، ދެ ކަންތައް ބެލެންސް ކުރަމުން، ލޯނު ނަގަންޖެހޭ ފަހަރުފަހަރު ލޯނު ނަގަމުން، ހިލޭ ގްރާންޓް އެއިޑް ހޯދޭތޯ މަސައްކަތް ކުރަމުން، މިކަހަލަ ގޮތަކަށް މި މެނޭޖް ކުރަނީ.

މިހާރު މިދިޔަ ގާތްގަނޑަކަށް ދެ މަހާ ބައި ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރި މަސައްކަތުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައިވެސް ވަރަށްގިނަ އަދަދެއްގެ ފައިސާ، އިރާދަކުރެއްވީތީ ލިބޭގޮތަށް އޮތީ ހަމަޖެހިފައި. އަދި ލޯނުގެ ގޮތުގައިވެސް، ލުއި ލޯނުގެ ގޮތުގައި، ދެ ޤައުމުގެ ދޭތެރޭގައި ސޮއިކުރެވޭ ލުއި ލޯނު އެގްރީމެންޓްތައް ކުރުމުގެ މަގުވެސް ވަރަށް ބޮޑަށް ފަހިވެފައި، ޚާއްޞަކޮށް ޗައިނާއަށް ކުރި ދަތުރާއެކީ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ވާނެކަން ޔަޤީން.

މި ދަންނަވާ ވާހަކައަކީ، ރައްޔިތުންނަށް ބޭނުންޖެހިފައި މިހިރަ މުހިންމު ކަންކަން ކުރުމުގައި އިރާދަކުރެއްވިއްޔާ ވަރަށްބޮޑު ކާމިޔާބީތަކެއް އަޅުގަނޑުމެން ހޯދައިދޭނަމޭ. ވަރަށްގިނަ މަސައްކަތް ޚާއްޞަކޮށް، ދެންމެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި، ހުއްޓިފައި ހުރި މަސައްކަތްތަކުގެ ވާހަކަ. އެކަންކަމާ އެކީގައި، ދެން ކުރަންހުރި ކަންކަމަށް ބަލާއިރުގައި މިހިރީ ވަރަށް ގިނަ މަސައްކަތް. އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، މި ހުރިހާ ކަމެއްވެސް ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން. އެހެން ނަމަވެސް، ތަރުތީބުކޮށްލަން ޖެހޭނެ، ޚާއްޞަކޮށް، މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ މަސައްކަތް ކުރާއިރުގައި، އަޅުގަނޑު އެދެނީ، ކައުންސިލުން ސަރުކާރަށް، މި ރަށަށް އެންމެ ބޭނުންވާ، ޚާއްޞަކޮށް، ހުއްޓިފައި ހުރި މަޝްރޫޢުތައް ފަށައިގަންނައިރުގައި، އިސްކަން ދޭންވާ ކަންކަން ފާހަގަކޮށްލަދޭން. ދަތިވާ ހުރިހާ ކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަދި މުހިންމު ހުރިހާ މަސައްކަތެއް ކުރާނަން. އެ ޔަޤީންކަން އަނެއްކާވެސް އަޅުގަނޑު ދެން.

އާދެ، އިޤްތިޞާދީ ގޮތުން ބަލާއިރުގައި، އަޅުގަނޑުމެންގެ ވަރަށް މުހިންމު އެޖެންޑާއެއް، ފަރުދުން މުއްސަނދިކޮށްދިނުން. އިންޑިވިޖުއަލުން، އަމިއްލަ ފަރުދުންނާއި، ކުދިކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ވަރުގަދަކޮށްދިނުމުގެ ފުރުޞަތު ދިނުން. އެކަންކަން ކުރެވޭނީ، ރަށެއްގައި ވެއްޖިއްޔާ ކައުންސިލަށްވެސް އެ ފުރުޞަތު ދީގެން.

އަޅުގަނޑުމެންގެ ނިޒާމަކީ، ލާމަރުކަޒީ ނިޒާމަށް ފުރިހަމަ ބާރު ދިނުމުގެ ނިޒާމު. އެ ފަލްސަފާ. އެގޮތުން، އެކަމަށް ޚާއްޞަ މިނިސްޓްރީއެއް އުފައްދައި، ވަޒީރެއް ކަނޑައަޅައި، ދެން އަދި އޭގެއިތުރަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ކެބިނެޓުގައި ވަރަށް މަޝްވަރާ ކުރެވި، ކައުންސިލްތަކަށް ވާނީ އިޤްތިޞާދީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ ވަރަށްބޮޑު ފުރުޞަތެއް، ވަރަށްފަހި، ފުޅާ ފުރުޞަތެއް ހުޅުވައިދީފައި. އެކަމަށް ޚާއްޞަ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ގެޒެޓް ކުރެވި، މި މަސްތެރޭގައި އޭގެ ދަށުން، އެ ގަވާއިދުގެ ތެރެއިން ކައުންސިލްތަކަށް، ކައުންސިލްގެ އިޚްތިޞާޞް ތެރޭގައި ހުރި ރަށްރަށާއި، އަދި އިޚްތިޞާޞްގެ ތެރޭގައި ރަށެއް ނެތިއްޔާ، ދުރުގައި އޮތް އެހެން އަތޮޅެއް، ނޫނީވިއްޔާ ދާއިރާއަކުންވެސް، އެ ދާއިރާއެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބެންޏާ، ރަށްރަށް ހޯދައިގެން، އިޤްތިޞާދީ އެތައް ކަމެއް ކުރެވޭނެ މަގު އެއޮތީ އަޅުގަނޑުމެން ފަހިކޮށްދީފައި.

އެހެންވީމާ، އެއީ، ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ކައުންސިލް ބާރުވެރިކުރުވީމާ، އިޤްތިޞާދީ ފުރުޞަތު ދިނީމާ، އެއިން އެ ރަށެއްގެ ރައްޔިތުންނަށް ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނަށް އާމްދަނީ ހޯދޭނެ ފުރުޞަތުތައް ލިބޭނީ. އެހެންވީމާ، އެއީ، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ލިބޭ ރަނުގެ ފުރުޞަތެއް. މިހާރު އެ ގަވާއިދު އެއޮތީ އަޅުގަނޑުމެން ގެޒެޓް ކޮށްފައި. އެއްމަސްވާ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެ. އެހެންވީމާ، އެހާތަނަށް ދާއިރުގައި، އެ ގަވާއިދުގެ ތެރެއިން، ރަށްރަށް ހޯދަން އެޕްލައި ކުރެވޭނެ ގޮތް ފަހިވެގެންދާނެ. ހުރިހާ ކައުންސިލްތަކުން އެއަށް ތައްޔާރުވެވަޑައިގަތުމަށް އަޅުގަނޑު އެދެން. ތައްޔާރުވެވަޑައިގެން، އެ ކައުންސިލެއްގެ އިޚްތިޞާޞް ތެރޭގައި ހިމެނުނަސް، ހިމެނިފައި ނެތިއްޔާ، ނުހިމެނޭ، ތަންކޮޅެއް ދުރުގައި އޮތް ރަށެއްވިޔަސް ހޯދޭނެގޮތް ކައުންސިލުން މި ދެންނެވި އެޕްލިކޭޝަންގެ ތެރެއިން ޕްރޮޕޯޒަލް ހުށަހަޅައިގެން، ސަރުކާރުން އެ ރަށް ހޯދުމުގެ ފުރުޞަތު ލިބިގަތުމަށްޓަކައި އަވަހަށް ތައްޔާރުވެވަޑައިގަންނަވާށޭ. އޭރުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް، ރަށު ރައްޔިތުން ބައިވެރިކޮށްގެން، ރަށުގައި ޤާއިމުވެފައި ތިބި އަދި ރަށަށް ނިސްބަތްވާ ރައްޔިތުންގެ ކުންފުނިތަކަށް ބައިވެރިވެވޭނެ ކައުންސިލާ އެކީގައި. ބައިވެރިވެގެން ރަށަށް މުއްސަނދިކަން، އަމިއްލަ ފަރުދުންނަށް މުއްސަނދިކަން ހޯދޭނެ ފުރުޞަތު ލިބޭނެ.

އެހެންވީމާ، އެއީ، ވަކި މި ރަށަށް ޚާއްޞައެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އޮތް ރަނުގެ ވަރަށްބޮޑު ފުރުޞަތެއް. އެކަން އޭގެ ފުރިހަމަ މިނުގައި، އެންމެ ފުޅާމިނުގައި ބޭނުންހިފަން އަޅުގަނޑު ހުރިހާ ރަށެއްގެ ކައުންސިލަރުންނަށް، ކައުންސިލްތަކަށް، އަދި ރައްޔިތުންނަށް، ވިޔަފާރިކުރާ ފަރާތްތަކަށް ދަންނަވަން. އެކަމަށް ހިތްވަރުދެން.

ދެން މި ރަށަށް ބަލާއިރުގައި، މި ރަށުގެ ކައިރީގައި، މި ރަށުގެ އިޚްތިޞާޞް ތެރޭގައި މި އޮތް ރަށަށް ބަލާއިރު، އުފުރިޔާއަށް ބަލާއިރުގައި، މިހާރު ރިވެޓްމަންޓް މަޝްރޫޢު ކުރިއަށްދާއިރުގައިވިޔަސް، އަދި އެނޫން ގޮތަކުންވިޔަސް، މި ރަށާ އެ ރަށް ގުޅުވައިލުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކޮށްދޭނެ ކަމެއް. ކޮށްދީ، ޖާގަ އިތުރުކުރެވި، އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ. އަދި އޭގެ އެކޮޅަށް އޮންނަ ކޮޅުފުށިވެސް އިރާދަކުރެއްވިއްޔާ، ދެންމެ އަޅުގަނޑު މި ދެންނެވި ގަވާއިދުގެ ތެރެއަށް ދާންޖެހެންޏާ އެއަށް ގޮސް، އަދި އެހެން ނޫނީވިއްޔާ އިޚްތިޞާޞް ކަނޑައެޅުމަށްޓަކައި އޮންނަ ހަމަތަކުގެ މަތިން، އޭގެތެރެއިން ގެންގޮސްގެން ވިޔަސް، މި ދެންނެވި ގޮތުންކުރެ ކޮންމެވެސް އެއް ހަމަޔަކުން، މި ރަށުގެ ކައުންސިލަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ރަށްވެސް ހަވާލުކޮށްދޭނަން. އޭރުން ކައުންސިލަށް މި ދެންނެވި ބީދައިން އިޤްތިޞާދީ ފުރުޞަތުތައް ފަހިވާނެ.

މި ރަށަކީ ވަރަށް ގިނަ އޮޑިދޯނިފަހަރު ގެންގުޅޭ ވިޔަފާރިކުރާ ރައްޔިތުންތަކެއް އުޅޭ ރަށެއް. އެ އިންޑަސްޓްރީ އިތުރަށް ފުޅާކުރަން ކަމުގައިވިޔަސް، އެ އިންޑަސްޓްރީގެ ތެރެއިން އިތުރު ސަބް އިންޑަސްޓްރީތައް ފުޅާކުރަން ކަމަށްވިޔަސް، އަދި އިޤްތިޞާދީ އެހެނިހެން މަސައްކަތްތައް ކުރަންވިޔަސް، އަޅުގަނޑުމެން ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. އެހެންވީމާ، މި ފުރުޞަތުގެ މަގު އަޅުގަނޑުމެން ފަހިކޮށްދޭނަން އިރާދަކުރެއްވިއްޔާ ވަރަށް ފުޅާމިނުގައި.

ހަމަ އެއާއެކީގައި، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކަ، އިއްޔެވެސް އަޅުގަނޑު އިޢުލާނު ކުރިން، ދެންނެވިން. ޤައުމީ ބޮޑެތި މައްސަލަތަކަށްފަހު، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ގެދޮރުގެ މައްސަލައަށް ރައްޔިތުންނަށް ޙައްލު ގެނެސްދޭން ކަމަށް. ދެންމެ ކައުންސިލްގެ ރައީސްވެސް އެ ފާހަގަކުރެއްވީ، މި ރަށަށްވެސް ގެދޮރުގެ މައްސަލަކަން އެންމެ ބޮޑީ.

ގެދޮރުގެ މައްސަލަ، ހައުސިންގ މައްސަލައަށް ޙައްލު ގެނައުމަށްޓަކައި އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތްތަކެއް ފަށައިގެން މިއުޅެނީ. ކެބިނެޓުގައި މިހާރު، މިދިޔަ ދުވަސްކޮޅުވެސް އެކަމާ ގުޅޭ އެކިއެކި މަޝްވަރާތައް ކޮށްފިން. އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަ ކުރެވޭ މިންވަރަކުން، ވަރަށް މަސައްކަތްތައް މި ކުރެވެނީ. އަޅުގަނޑުމެން މެނިފެސްޓޯގައި ހިމަނާފައި އޮތް ލުއި ލޯނުތައް ދިނުން. އެއީ، 5 ޕަސެންޓަށްވުރެ ބޮޑުނޫން އިންޓްރެސްޓްގައި ދޫކުރާނެ ވަރަށް އެފޯޑަބަލް ލުއި ލޯނުތައް. އެ ލޯނުތައް ދެވޭނެ ފެންވަރަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރަނީ، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާކުރަން. ކޮށްގެން އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ވަރަށް އަވަހަށް އަޅުގަނޑުމެން މި ދެންނެވި ލޯނުތައް، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ނިޒާމު ޤާއިމުކުރާނަން. އޭރުން، ރަށްރަށުގައި ހުންނަ ގޯތިތަކުގައި، އެ ރައްޔިތުން ބޭނުންވާގޮތަކަށް، ގެދޮރުއަޅާނެ ލުއި ލޯނު، އެއީ، ފުރަތަމަ ގެ، ފަސްޓް ހޯމް، ފުރަތަމަ ގެ ބޭނުންވާ ފަރާތްތަކަށް ފުރަތަމަ ގެ އެޅުމަށް އޭގައި އިސްކަން ދެވޭނީ.

އެހެންވީމާ، ގެދޮރު ބިނާކުރުމާއި އަދި އަޅަން ފަށައި ނުނިމިހުރި ގެ ނިންމުމަށް ދޭ ލޯނާއި، ހަދާފައި ހުރި ގެއެއް މަރާމާތު ކުރަން ދޭ ލޯނާ، މި ތިން ވައްތަރުގެ ލޯނު ދޫކުރުން އަޅުގަނޑު މެނިފެސްޓޯގައި ހިމަނައި، އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވީ. އަދި އޭގެއިތުރަށް ދެން އޮންނާނީ، ހައުސިންގ ޔުނިޓުތައް ބިނާކޮށްދިނުމުގެ ޕްރޮޖެކްޓްތައް ހިންގުން. އެކަމަކީ އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، އަޅުގަނޑުމެން މިދޭތެރެއިން ޗައިނާއަށް ކުރި ދަތުރުގައި ސޮއިކުރެވުނު އެއް އެމް.އޯ.ޔޫ.ގެ ތެރެއިން ވަރަށް ބޮޑަށް ފަހިވެފައި އޮތް ކަމެއް. އޭގެތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ދެންނެވި ގޮތަށް، ރާއްޖެއަށް އެފޯޑް ކުރެވޭކަހަލަ G2G ލުއި ކޮންސެޝަނަލް ލޯނުތައް ނަގައިގެން، މިފަދަ ރަށްރަށުގައި ހައުސިންގ ޔުނިޓުތައްވެސް އަޅައިދިނުމަށް. އެހެންވީމާ، އެ މަގުން އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަން ކުރަން މިއުޅެނީ. އެކަމާ ގުޅޭ ވަރަށްގިނަ ފަންނީ އިދާރީ މަސައްކަތްތައް، ޓެކްނިކަލް މަސައްކަތްތައް މިހާރު ހިނގަނީ. ބާރު ސްޕީޑްގައި ވަރަށްގިނަ މަސައްކަތް އެބަ ހިނގާ.

އެހެންވީމާ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ގެދޮރު ބިނާކުރުމަށްޓަކައި ތަފާތު ލޯނުތައް ދޫކުރުމާއި، ހައުސިންގ ޔުނިޓުތައް ޤާއިމުކުރުމުގެ މަސައްކަތުން އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނަށްވެސް އޭގެ އުފާވެރިކަމާއި ފޮނިމީރުކަން ހާސިލުކޮށްދޭނަމޭ.

އާދެ، އިޤްތިޞާދީ ފުރުޞަތުތައް ދިނުމާއި، ގެދޮރު ބިނާކުރުމުގެ ފުރުޞަތުތައް އަޅުގަނޑުމެން މި ދެންނެވި ގޮތަށް ފޯރުކޮށްދޭނަން. ދެން ހަމަ މި ނުފެށިފައި، ހުއްޓިފައި ނުފެށި ހުރި މަޝްރޫޢުތައް ފެށުމުގައިވެސް ބަޖެޓުގެ ތެރެއިން، މި ދެންނެވީ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިކުރާ މަސައްކަތްތައް ކާމިޔާބު ކުރެވެމުންދާވަރަކުން މަސައްކަތްތައް ދާނީ ފެށެމުން. މިހާރުވެސް އެތައް ކުންފުންޏެއްގެ އިޤްތިޞާދީ ޙާލަތު، މާލީ ޙާލަތު ރަނގަޅު ކުރުމުގެ މަސައްކަތްތައް އެބަ ހިންގަން. އާރު.ޑީ.ސީ. ވިޔަސް، އެމް.ޓީ.ސީ.ސީ. ވިޔަސް، ފެނަކަވިޔަސް، އެމް.ޑަބްލިޔޫ.އެސް.ސީ.، ދެން މިހެން ކިޔާނެ ކަމެއްނެތް. އެކިއެކި މަޝްރޫޢުތައް ހިންގާ ހުރިހާ ކުންފުންޏެއް. މި ކުންފުނިތަކުގައި ހުރި އެކި ކަހަލަ ދަރަނިތަކާއި، އެކި ކަހަލަ މައްސަލަތައް އެބަހުރި އަޅުގަނޑުމެންނާ ހަމައަށް އައިއިރު. އެކަންކަން ރަނގަޅު ކުރުމަށްޓަކައި ވަރަށް މަސައްކަތް މި ކުރަނީ. ކުރެވޭ މިންވަރަކުން އަޅުގަނޑުމެން މިގެންދަނީ، ހުއްޓިފައި ހުރި އެތައް މަސައްކަތެއް ފެށުމުގެ މަސައްކަތް. މިހާރުވެސް ގިނަ ރަށްތަކެއްގެ މަސައްކަތް ފެށިއްޖެ.

އަޅުގަނޑުމެން ވަޢުދުވެފައި އޮތް އެއް ކަންތައް އެއީ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން މަގުހެދުން. އޭގައި ވަޢުދުވެފައި އޮންނާނީ، މިފަދަ ރަށްތަކުގައި ހުރި ހުރިހާ ބޮޑެތި މަގުތައް ހަދައިދޭނެ ކަމަށް. އަޅުގަނޑު އެކަމަށް ކެމްޕެއިންގައި ވަޢުދުވިން މި ރަށުގައިވެސް. އަޅުގަނޑަކީ އިރާދަކުރެއްވިއްޔާ ބަހާއި ޢަމަލާ ހަމަ އަބަދުވެސް ދިމާވާނެ މީހެއް. އަޅުގަނޑު ވަޢުދުވީ ގޮތަށް މި ރަށުގެ މަގުތައް ހަދައިދޭނަން. ހަމަ އެގޮތަށް، ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް މަގުހެދުން ކުރިއަށްދާނެ. އެކަމަކު މި ދެންނެވި ފަދައިން ތަރުތީބު ކުރެވިގެން، ކަނޑައެޅޭ އުޞޫލެއްގެ މަތިން މި އަހަރުގެ ތެރޭގައި އެ މަސައްކަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިރާދަކުރެއްވިއްޔާ ފެށިގެން ދާނީ.

ހަމަ އެއާއެކީގައި، ދެން ހުންނާނީ ޢުމްރާނީ ތަރައްޤީގެ ދެންހުރި މަޝްރޫޢުތައް. އެ މަޝްރޫޢުތައްވެސް ހަމަ މި ދެންނެވި ބީދައިން ތަރުތީބުކޮށްގެން ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދޭނަން.

އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ދެން މިކުރާ އެންމެބޮޑު އެއްކަމަކީ، އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތް. އެގޮތުން، އަޅުގަނޑުމެންގެ ހުރި އިޤްތިޞާދު އިންޑަސްޓްރީތައް، ޞިނާޢަތްތައް އިތުރަށް ފުޅާކުރަން މި މަސައްކަތް ކުރަނީ. މައިގަނޑު ޞިނާޢަތްތަކަކީ، ޓޫރިޒަމާއި މަސްވެރިކަން. ދެން އޮތީ ދަނޑުވެރިކަން. ޓޫރިޒަމް ޞިނާޢަތް ފުޅާކުރުމަށްޓަކައި ޓޫރިޒަމްގެ ރިޒޯޓުތައް، ޓޫރިޒަމްގެ އެކިކަހަލަ މަޝްރޫޢުތައް، އެކި އަތޮޅުތަކަށް، އެކި ކަންކޮޅުތަކަށް ފުޅާކުރަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް އެބަ ކުރެވޭ. އިންވެސްޓަރ ކޮންފިޑެންސް އަޅުގަނޑުމެންގެ އިޤްތިޞާދަށް ގެނައުން އެއީ، މި ދެންނެވި ފުޅާކުރުމަށްޓަކައި އޮތް ކީ. އެ ކީ އަކީ، މި ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އިޤްތިޞާދު މިހާރު އޮތް ޙާލަތުން އެބަ އަރައިގަންނަކަން، އެއަށް ބުންވަރު އެބަ ލިބޭކަން، އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް އެބަ ތެދުވާކަން، އެ ގެރެންޓީ، އެ ކޮންފިޑެންސް އިންވެސްޓަރުންނަށް އެބަ ލިބެންޖެހޭ. އެހެންވެގެން ކުރެވޭ މަސައްކަތް މި ކުރަނީ މިހާރު.

އަޅުގަނޑަށް އޮތް ޔަޤީންކަމަކީ، އަދި އަޅުގަނޑުމެންގެ ޓީމަށް އޮތް ޔަޤީންކަމަކީ، އެކަން ކުރެވޭނެކަން. އަދި އެކަން ބަލައިގަނޭ، ރާއްޖެއަށް އަންނަ އިންޓަރނޭޝަނަލް އެކިއެކި ޖަމުޢިއްޔާތަކާއި، އިންސްޓިޓިއުޝަންސްތަކުންވެސް. އެހެންވީމާ، އެ މަސައްކަތް މިދަނީ ބާރަށް ކުރެވެމުން.

އެހެންވީމާ، އޭގެތެރެއިން މި ދެންނެވި ފަދައިން ޓޫރިޒަމް ފުޅާކުރެވޭނެ. މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި އަމާޒު ކޮށްފައި އޮތް ގޮތަށް 20 ރިޒޯޓް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން 20 ރިޒޯޓް ހުޅުވުމުގެ މަސައްކަތް މި ކުރަނީ. މި އަތޮޅަށްވެސް، މި ސަރަޙައްދަށްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް ކުރާނީ، އޭގެ ފައިދާ ގެންނަން.

އެހެންވީމާ، ވަރަށް ބޮޑަށް އުންމީދު ކުރަން، އަޅުގަނޑުމެން މި ބޭނުންވާ ގޮތަށް ގެންދެވޭނެ ކަމަށް. ތިޔަބޭފުޅުންވެސް ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މި ސަރަޙައްދުގައިވެސް ރިޒޯޓުތައް ހުޅުވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނެ ވާހަކަ ދަންނަވަން.

ދެން ހަމަ އެއާއެކީގައި، އެއަރޕޯޓުގެ މަސައްކަތް. މި އަތޮޅުގައި މަދުވެގެން ތިން އެއަރޕޯޓް އޮންނަންޖެހޭ ކަމަށް މި ގަބޫލުކުރެވެނީ. މިހާރު އޮތް އެއަރޕޯޓުގެ އިތުރަށް، ގުރައިދޫގައި އަޅުގަނޑުމެން އަޅާ އެއަރޕޯޓުގެ އިތުރަށް، ވިލުފުށީގައި އެއަރޕޯޓެއް އަޅާނެކަމަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނީ. އެހެންވީމާ، މި ތިން އެއަރޕޯޓް އެޅިގެންދިޔައިމާ، ދާއިރާއަށާއި، ކައިރީގައި އޮންނަ ރަށްތަކަށް އޭގެ ފައިދާވެ، އަތޮޅުގައި ތިން އެއަރޕޯޓް އޮންނާނެ.

އެހެންވީމާ، އެ ތިން އެއަރޕޯޓުގެ އިތުރަށް، މި ދެންނެވި ގޮތަށް، ރިޒޯޓުތައް އިތުރުކުރެވިގެން ދިޔައިމަ، އިރާދަކުރެއްވިއްޔާ އާމްދަނީ އިތުރުކުރެވި، ވަޒީފާ އިތުރުކުރެވި، ދެން މި ދެންނެވި ގޮތަށް ކައުންސިލުގެ ތެރެއަށް، އިޚްތިޞާޞް ތެރެއަށް ރަށްރަށް ލެވޭގޮތްވީމަ، ރަށުގެ ވިޔަފާރިވެރިންނާއި، އަމިއްލަ ފަރުދުންނާ ގުޅިގެން ކައުންސިލްތަކަށް ވިޔަފާރިތައް ކުރެވޭގޮތްވީމަ، މި ރަށަށް ވެއްޖިއްޔާ، ކައިރީގައި މިއޮތް ދެ ރަށާ އެކީގައި، އެ ފުރުޞަތު ލިބުނީމަ، ވިޔަފާރީގެ ފުރުޞަތު އިތުރުކުރެވި، އިރާދަކުރެއްވިއްޔާ މުއްސަނދިކަން ލިބިގެންދާނީ. އެހެންވީމާ، މި މަގުން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ. ދެން ހަމަ މިއާއެކީގައި، އަޅުގަނޑު މި ދެންނެވި ފަދައިން، ގެދޮރު ބިނާކުރުމަށްޓަކައި ފުރުޞަތުތައް ފަހިކޮށްދޭނީ. މިއީ އަޅުގަނޑުމެންގެ ތަޞައްވުރު އޮތް ގޮތަކީ.

އެހެންވީމާ، އަޅުގަނޑު މި ދެންނެވި ގޮތަށް، ކަންކަން ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ. އާމްދަނީ އިތުރުކުރެވޭނެ ފުރުޞަތުތަކާއި، ގެދޮރު ބިނާކުރުމުގެ ފުރުޞަތުތައް އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް، މި ރަށުގައި ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ދެމުން، އަޅުގަނޑު ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.